16 Feb 2012, 15:34
"އިންސާފުގެ ދަތުރު"ގެ ނަމުގައި އެމްޑީޕީން މާދަމާ ހަވީރު ބާއްވާ މުޒާހަރައަކީ ވަރަށް އާދަޔާ ހިލާފު އަދި ސުލްހަވެރި މުޒާހަރާއެއްކަމަށް އެޕާޓިން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ މާދަމާ ހަވީރު 4:00 ޖަހާއިރު ފަށާ މުޒާހަރާއަކީ ޕާޓީގެ ގައުމީ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްގެން ބާއްވާ މުޒާހަރާއެއް ކަމަށާއި މުޒާހަރާގައި އަޑު އުފުލާނީ ޖުޑީޝަރީ މިނިވަން ކުރުމަށް ކަމަށެވެ.
"ކުރީގައި ފަނޑިޔާރުގެ އޮތްގޮތަށް މިހާރުވެސް އެއޮތީ އިސްލާހުކުރުމަށް އެއްވެސް ކަމެއް އަދިވެސް ނުކުރޭ. އެހެން ވީމައި އިންސާފު ގާއިމުކޮށް ރައްޔިތުންނަށް އިތުބާރު ކުރާނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ގޮވާލައި ބާއްވާ އާދަޔަހިލާފު ބައްދަލުވުމެއް މިއީ،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާގެ މުޒާހަރާގައި ބައިވެރިވުމަށް އަތޮޅުތަކުން މެންބަރުން މިހާރުވެސް މާލެ އަތުވެއްޖެ ކަމަށާއި ބައެއް ފަރާތްތަކުން މާލެއައުމަށް މިހާރު ތައްޔާރުވަމުން ދާކަމަށެވެ.
"މާދަމާ ބާއްވާ އެއްވުމަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއްވުމަކަށް ވެގެންދާނެ. އެހެންނަމަވެސް ހަމަނުޖެހުމެއް ނުހިނގާނެ. މިއީ ހަމަ ސީދާ ސުލްހަވެރި އެއްވުމެއް. އަޅުގަޑުމެން އެމްޑީޕީން އިންތިޒާމުކޮށްގެން އެހެންނޫނިއްޔާވެސް ބާއްވާފަދަ ސުލަހަވެރި އެއްވުމަކަށް މިއެއްވުން ވާނެ،" އިމްތިޔާޒު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މާދަމާގެ އެއްވުން ނިންމާނުލައި އަނެއްދުވަހާއި ހަމައަށްވެސް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށާއި އެއްވުން ނިންމާލާނެ ވަކި ގަޑިއެއް ކަނޑައެޅިގެން ދަންނަވަވަން ނޭގޭ ކަމަށާއި އެއްވުން މަޑުޖައްސާލާނީ ނަމާދުވަގުތަކަށް އެކަނި ކަމަށެވެ.