13 Jul 2010, 10:23
14:30
ޓީވީ އެމާއި ދިވެހިރާއްޖޭގެ އަޑާއި ފްރިކުއެންސީތަކަކީ އެމް.އެން.ބީ.ސީގެ މިލްކެއް ކަމަށާއި، އެއިން އެއްވެސް އެއްޗެއް، ގާނޫނުގެ ދަށުން އުފައްދާފައިވާ، އެމް.ބީ.ސީ އަށް ދޫނުކުރާނެ ކަމަށް ސަރުކާރުން ބުނުމަކީ ދައުލަތުގެ މީޑިޔާ ސަރުކާރުން ކޮންޓްރޯލް ކުރަން ބޭނުންވާކަން ދައްކުވައިދޭ ކަމެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނެފި އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭއިން) ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން އުފައްދާފައިވާ އެމް.އެން.ބީ.ސީ އަކީ ސަރުކާރުގެ ސައްތައިން ސައްތަ ކުންފުންޏެއް ކަމަށްވެފައި ދައުލަތުގެ މީޑިޔާ އެކުންފުނީގެ ދަށުގައި ބޭއްވުމަކީ ދައުލަތުގެ މީޑިޔާއަށް ސަރުކާރުގެ ނުފޫޒު ފޯރުވައި، ހުރަސްއެޅުމަށް މަގުފަހިވާ ކަމެއްކަމުގައި އެ ޖަމްއިއްޔާއިން ދެކޭ ކަމަށެވެ. އަދި މިއީ މިނިވަން މީޑިޔާއަކަށް ލޯބިކުރާ އެކަކުވެސް ގަބޫލުކުރާނޭ ހަމައަކަށް ނުވާއިރު، ވެރިކަން ކުރާ އެމް.ޑީ.ޕީގެ މެނިފެސްޓޯގެ ރޫހާވެސް ޚިލާފުކަމެއް ކަމަށާއި، ދައުލަތުގެ މީޑިޔާ، މިނިވަން ކަމާއިއެކު ހިންގުމަށް ގާނޫނީ ގޮތުން އުފެދިފައި އޮތް އެމް.ބީ.ސީއާ ހަވާލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތްކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށް ވެސް ނޫސް ބަޔާނުގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފް އިއްޔެ ދެއްކެވި ވާހަކައިގައި ޓީވީއެމާއި، ވޮއިސް އޮފް މޯލްޑިވްސް އަކީ އެމް.އެން.ބީ.ސީގެ މިލްކެއް ކަމަށާއި އަދި އެ ދެ އިދާރާގައި ބޭނުންކުރާ ފްރިކްއެންސީތަކަކީ ވެސް މިފަދައިން ހުރި އެއްޗެހި ކަމަށާއި އެއިން އެއްވެސް އެއްޗެއް ގާނޫނުން އުފެއްދި އެމް.ބީ.ސީ އަށް ދޫނުކުރައްވާނެ ކަމަށް ވިދާޅުވުމަކީ ދައުލަތުގެ މީޑިޔާ ސަރުކާރުން ކޮންޓްރޯލް ކުރަން ބޭނުންވާކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސަރުކާރުގެ އަޑުތަކާއި މަންޒަރުތައް، އަދި ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތަކުގެ އަޑުތަކާއި މަންޒަރުތައް ރައްޔިތުންނާއި ހަމައަށް މިނިވަންކަމާއި، ހަމަހަމަކަމާ އެކު އެންމެ ފުޅާކޮށް ގެނެސްދެވޭނެ މީޑިޔާއަކީ ދައުލަތުގެ މީޑިޔާ ކަމަށް ވާއިރު އެމީޑިޔަމް މިނިވަންވެ އޮތުމަކީ ރައްޔިތުންގެ ސަރުކާރެއްގައި ރައްޔިތުންގެ ހިއްސާއަށް އިހުތިރާމް ކުރުން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އަފީފް އިއްޔެ ވިދާޅުވީ އެމްއެންބީސީގެ ދަށުން މިހާރު ހިނގަމުން އަންނަ ތަންތަނާއި އެތަންތަން ހިންގާ ބިންބިމާއި، އެތަންތަނުގައި ތިބި މުއައްޒަފުންނާ އަދި ބޭނުންކުރާ ފްރީކުއެންސީތައް މިހާރު ނިސްބަތްވަނީ އެމް.އެން.ބީ.ސީ އަށް ކަމަށެވެ. އަދި އެމްއެންބީސީން އެ ތަންތަން އެމްބީސީއަށް ދޫކުރަން ބޭނުންނުވާނަމަ ހޯދަން ދާންޖެހޭނީ ކޯޓަށް ގޮސްގެން ކަމަށް އަފީފް ވަނީ ވިދާޅުވެފަ އެވެ.