ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ އަދަދު އިތުރު ކުރުމަށް ވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާ މިއަދު އޮންލައިންކޮށް ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިހާރު ޕްރޮޖެކްޓަކަށް ދޫކުރާ އަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށްވެސް ވިސްނަވާކަމަށެވެ.

"ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ އަދަދު އިތުރުކުރުމާ މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ އަދަދު ހަތް ލައްކަ އަށްވުރެ އިތުރު ކުރުމަށްވެސް އެބަ ވިސްނަން،" ރައީސް ވިދާޅުވިއެވެ.

ހަތް ލައްކަ ރުފިޔާ އާ ހަމައަށް ލޯނު ލިބޭ ގެދޮރުވެރިޔާ ލޯނު ސްކީމަކީ އަތޮޅު ތެރޭ ރައްޔިތުންނަށް އަމާޒު ކޮށްގެން ސަރުކާރުން ފެށި ސްކީމެކެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ގެ މޭޔަރު މުހައްމަދު އާތިފް ވަނީ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވާ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އޭނާ ފާހަގަ ކުރައްވާފައި ވަނީ މިހާރު ކުރިއަށް ގެންދާ ގެދޮރުވެރިޔާ ލޯނަކީ އޭގެ ސަބަބުން އެ ސިޓީއަށް ގިނަގުނަ ފައިދާ ތަކެއް ލިބިގެންދާނެ ލޯނެއްގެ ގޮތުގަ އެވެ.

އަދި ސިޓީ ކައުންސިލަށް ބޭނުންވާވަރަށް މުވައްޒަފުން ނެތުމުގެ މައްސަލަވެސް ކައުންސިލުން ވަނީ ރައީސަށް ދަންނަވާފަ އެވެ.

މެމްބަރުންގެ ހުރި ކަންބޮޑުވުން ތަކުގެ ވާހަކަ ރައީސް އާ ހިއްސާ ކުރުމުން ރައީސް ވިދާޅުވީ ސިޓީ ކައުންސިލަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށް އަވަސް ހައްލެއް ހޯއްދަވާދެއްވާނެ ކަމަށެވެ.

ރައީސް ވަނީ ކައުންސިލުތަކަށް ލާމަރުކަޒީ ގާނޫނުން ގިނަ ބާރުތަކެއް ލިބި، ބައެއް ޕްރޮޖެކްޓްތައް ވެސް ކައުންސިލު ތަކުން އަމިއްލަ އަށް ހިންގޭ ގޮތަށް އޮތް ނަމަވެސް ކައުންސިލު ތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް މައި ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އަދި ހާއްސަ ގޮތެއްގައި ރައީސް އޮފީހުން ބޭނުންވާ އެއްބާރު ލުމާއި އެހީތެރިކަން ކައުންސިލު ތަކަށް ދިނުމުގައި ދެމި އޮންނާނެ ކަމަށާއި ބޭނުން ވަނީ މުޅި ނިޒާމު ކާމިޔާބު ކަމާއިއެކު ހިނގައި ކުރިޔަށްދިއުން ކަން ރައީސް ފާހަގަ ކުރެއްވި އެވެ.