16 Feb 2012, 14:13
މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަން ޔަގީންވާނަމަ 2013 ގެ ކުރިން ރިޔާސީ އިންތިހާބު ބޭއްވުމަށް އެއްބަސްވެ ވަޑައިގެންފާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ނިއުސް އެޖެންސީ "ރޮއިޓާޒް" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ.ވަހީދު ވިދާޅުވީ 2013 ގެ އިންތިހާބު ބޭއްވުމަށް އެއްބަސްވާނަމަ ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރައްވާނެ ކަމަށާއި އިންތިހާބެއް ބޭއްވޭނީ އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް ތަނަވަސް ވެގެން ކަމަށެވެ.
"ރިޔާސީ އިންތިހާބެއް ބޭއްވުމަށް އޮތީ މީގެ ދޮޅު އަހަރު ފަހުން، އެއީ 2013 ވަނަ އަހަރުގެ ފަހުކޮޅު. އޭގެ ކުރިން އިންތިހާބު އަވަސްކުރަން އަޅުގަނޑުމެން [ސިޔާސީޕާޓީތައް] އެއްބަސްވާނަމަ ސިޔާސީ ހުރިހާ ޕާޓީތަކާ މަޝްވަރާކުރާނަން. ނަމަވެސް މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކޮށްދޭން އެކަމާ އެކަށީގެންވާ ހާލަތެއް ގާއިމްވެފައި އޮންނަން ޖެހޭނެ،" ރައީސް ވިދާޅުވިކަމަށް ރޮއިޓާސްގައިވެ އެވެ.
އެމްޑީޕީ އާއި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވަކާލާތު ކުރައްވަނީ ރައީސް ޑރ. ވަހީދު މަގާމުން އިސްތިއުފާ ދެއްވާ 60 ދުވަހުގެ ތެރޭގައި އިންތިހާބެއް އިއުލާން ކުރުމަށެވެ.
ރޮއިޓާޒްގެ އިންޓަވިއުގައި ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ނަޝީދާ ގުޅޭ ގޮތުން މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތަކައިގެން ކުރިއަށް ދިޔުމަށް މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ނަޝީދަށް ފުރިހަމަ ސަލާމަތް ތެރިކަން މި ސަރުކާރުން ދޭނެ ކަމަށެވެ.