01 Jul 2021, 16:40
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް ޖުމްލަ 511 މީހުން ކުރިމަތިލައިފިއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
އެގޮތުން ޖޫން 28 ގެ ނިޔަލަށް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސުންގަޑިހަމަވި އިރު، ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 54 އެޕްލިކޭޝަން، އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 86 އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 371 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ ސިވިލްސާވިސް ކޮމިޝަނުން މިހާރު ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް 20،500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު އެކު ޖުމުލަ 35،500 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް 12،130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާއާއެކު އެކުޖުމުލަ 21،000 ރުފިޔާ ލިބޭނެއެވެ.
އޭގެ އިތުރުން ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް 9،300 ރުފިޔާ އަދި ގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާއާއެކު އެކުޖުމުލަ 16،100 ރުފިޔާ ލިބޭނެއެވެ.