ކޮވިޑް-19 ޖެހިގެން ގދ. ތިނަދޫއިން މީހަކު މަރުވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު މަރުވެފައިވަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ 70 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެެވެ. އެ މީހާ މަރުވެފައިވަނީ މިއަދު 13:55 ގައި ކަަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިއީ ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މަރުވި ޖުމްލަ ތިންވަނަ މީހާއެވެ. އަދި ކޮވިޑް-19 ޖެހިގެން މިއަދު މަރުވި ދެވަނަ މީހާއެވެ.

ރޭ ދަންވަރު 04:55 ހާއިރު ގއ. ވިލިނގިލިން ވެސް ވަނީ 81 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައެވެ.

މިއަދުގެ ދެ މަރާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ 213 އަށް އަރާފައެވެ.

ރާއްޖެއިން އިއްޔެވެސް 138 މީހުން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެެވެ. މިވަގުތު ރާއްޖޭގައި ބަލި ޖެހިފައިތިބި 3،602 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 28 މީހުންނަށެވެ.