01 Jul 2021, 15:03
ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައި ވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރުގެ ވޯކްވޭ ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް ޖޫން 30 ވަނަ ދުވަހު ވަނީ ނިމިފަ އެވެ.
މީގެ އިތުރުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 72 ޕަސެންޓް ވެސް ނިމިފައި ވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
2020 އޯގަސްޓް 27 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނު އިސްދޫ ބަނދަރުގެ އަޕްގްރޭޑަށް މައިގަނޑު ނުވަ ކަމެއް ކުރުމަށް 330 ދުވަސް ތެރޭ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލު ކުރީ 34.7 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި 1,560 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.