16 Feb 2012, 13:54
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓްގައި ބައިވެރިވުމާ މެދު އެމްޑީޕީން ގޮތެއް ނިންމައި އެކަން ސަރުކާރަށް އެންގުމަށް އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އަށް ރައީސް ވަހީދު މިއަދު ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ސިޓީފުޅުގައި ރައީސް، ޑީޑީ ގެ ކިބައިން އެދިވަޑައިގެންފައި ވަނީ މިހާރު އެކުލަވާލާ ގައުމީ އެއްބައިވަންތަކަމުގެ ކެބިނެޓްގައި ބައިވެރިވުމާ މެދު ގޮތެއް ނިންމާ އެ ނިންމި ގޮތެއް އަންނަ ހޯމަ ދުވަހުގެ ކުރިން އަންގަވައިދެއްވުމަށް ކަމަށެވެ.
"އަޅުގަނޑު ގާއިމްކުރަން މަސައްކަތްކުރާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ފުރިހަމައަށް ބައިވެރިވުމަށް އެމްޑީޕީއަށް ދަޢުވަތު އަރުވަމެވެ،" އެ ސިޓީގައިވެ އެވެ.
އެ ސިޓީ މެދުވެރިކުރައްވާ ރައީސް ވިދާޅުވީ 2013 ވަނަ އަހަރާ ހަމައަށް މިއޮތް ކުޑަދުވަސް ކޮޅަކީ މިހާރު އުފެދިގެން އުޅޭ މައްސަލަތަކުގެ ސަބަބު ހޯދައި، އެކަމާބެހޭ ދިރާސާތައްކޮށް، މިހާތަނަށް ގޯސްކޮށް ކުރެވިފައިވާ ކަންކަން އިސްލާހުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށެވެ.
"މި ހުށަހެޅުމަކީ ގައުމުގައި އެތައް ޒަމާނެއް ވަންދެން އުފެދިފައިވާ ބައިބައިވުންތަކަށް ނިމުން ގެނުވައިދޭނެ ރަނގަޅު ފުރުޞަތެއް ކަމަށް ބައްލަވާނެ ކަމަށް އުންމީދު ކުރަމެވެ،" ސިޓީގައިވެ އެވެ.
ޑީޑީ ވަނީ އެ ސީޓީ ލިބިފައިވާކަން ޔަގީންކޮށްދެއްވާފަ އެވެ.
ސަރުކާރުގައި ބައިވެރި ވުމަށް ރައީސް އެމްޑީޕީއަށް ދައުވަތު ދިން އިރު އެޕާޓީން ބުނަމުން ދަނީ ވަހީދުގެ ސަރުކާރު ގަބޫލު ނުކުރާ ކަމަށާއި މިއީ "ޣައިރު ގާނޫނީ" ސަރުކާރެއް ކަމަށެވެ. ކުރީގެ ރައީސް މުހަންމަދު ނަޝީދު ގޮވާލަމުން ގެންދަވަނީ އައު އިންތިހާބެއް އަވަސް މުއްދަތެއްގައި ބޭއްވުމަށެވެ.