01 Jul 2021, 13:52
ދިއްލީ (ޖުލައި 1): ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ރައްޔިތުންނަށް ދޫކުރާ ކޮވިޑް ވެކްސިން ސެޓްފިކެޓު އިންޑިއާއިން ބަލައިގަންނާނީ، އީޔޫއިން އިންޑިއާގެ ވެކްސިން ސެޓްފިކެޓު ބަލައިގަންނަން އެއްބަސްވުމުން ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ބީބީސީން އެފަދައިން ބުނެފައި ވަނީ، އީޔޫގެ ގައުމުތަކުގެ މެދުގައި ދަތުރު ކުރުން ފަސޭހަ ކޮށްދޭނެ ވެކްސިން ސެޓްފިކެޓު އެ އިއްތިހާދުން މިއަދު ދޫކުރަން ހަމަޖެހިފައި ވަނިކޮށެވެ. އެ ސެޓްފިކެޓުގައި ހިމަނަން މިހާތަނަށް ފާހަގަކޮށްފައި ވަނީ ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ)އިން ހުއްދަ ދީފައިވާ ވެކްސިންތަކެވެ. އެއީ ފައިޒާ، އެސްޓްރާޒެނެކާ، މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނެވެ. ނަމަވެސް އީޔޫއިން ވަނީ ގައުމީ ފެންވަރުގައި ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވާ އެހެން ކޮވިޑް ވެކްސިނެއް ޖަހާފައިވާ މީހުންނަށްވެސް ފާސް ދިނުމުގެ ފުރުސަތު އެ އިއްތިހާދުގެ ވަކި ވަކި ގައުމުތަކަށް ދީފަ އެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މިވަގުތު އެ ސެޓުފިކެޓު ދެނީ އީޔޫގެ އެތެރޭގައި ދަތުރު ކުރުމަށް. ނަމަވެސް އެއީ ބައިނަލްއަގުވާމީ ދަތުރުތަކުގައިވެސް [ބޭނުން ކުރާނެ އެއްޗަކަށް] ކުރިއަށް އޮތް ތަނުގައި ވެދާނެ. މިހާރު ގިނަ ބައިނަލްއަގުވާމީ ދަތުރުތައް މަޑުޖައްސާލާފައި އޮތުމުން އެކަމަށް މާ ބޮޑު ބަދަލެއް ނާންނާނެ. ދަތުރުތައް ފެށުމުން މި ސެޓްފިކެޓުތައް މުހިއްމު ވާނެ. އަޅުގަނޑުމެން މި ބުނަނީ ދެ ފަރާތުން [އިންޑިއާ އާއި އީޔޫގެ] ސެޓުފިކެޓުތައް ބަލައިގަންނާނީއޭ. ކީއްވެ އަޅުގަނޑުމެންގެ ހުއްދައާ މެދު ތި ތަފާތު ކުރަނީ،" އިންޑިއާގެ އޮފިޝަލް ވިދާޅުވި އެވެ.
އީޔޫއިން އެ އިއްތިހާދުގައި ދިރިއުޅޭ މީހުން ދަތުރު ކުރުމަށް ދޫކުރާ ފާހުގައި އޮންނަނީ އީއެމްއޭއިން ހުއްދަ ދީފައިވާ ކޮވިޑް ވެކްސިނެއް ޖަހާފައިވާކަން ނުވަތަ ބަލި ޖެހި، ރަނގަޅުވެފައިވާ ކަން ނުވަތަ ކޮވިޑް-19 ޓެސްޓަކަށް ނެގެޓިވްވެފައިވާކަން ފާހަގަކޮށްފަ އެވެ. އަދި އެ ފާސް އޮތުމުން ކަރަންޓީނު ވުމަށާއި އިތުރު ކޮވިޑް ޓެސްޓުތައް ހަދަން ނުޖެހި ދަތުރު ކުރެވޭނެ އެވެ.
އިންޑިއާއިން މިހާރު ވަނީ އެގައުމުން ކޮވިޝީލްޑާއި ކޮވެކްސިން ޖަހާފައިވާ މީހުންނަށްވެސް އީޔޫއަށް ދަތުރު ކުރުމުގައި ލުއި ދޭން، އެ އިއްތިހާދުގެ ވަކި ވަކި ގައުމުތަކުގައި އެދިފަ އެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް ވެކްސިންގެ 323 މިލިއަން ޑޯޒް ޖަހާފައިވާ އިރު އޭގެ ތެރެއިން 284 މިލިއަން ޑޯޒަކީ ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތަކެވެ.