01 Jul 2021, 15:14
ތަންތަނުން ފަންޑު ހޯދައިގެން ޖިހާދު ކުރަން ރާއްޖެއިން ބޭރަށް މީހުން ފޮނުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް, ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ އަލީ ރަމީޒު ދޮގުކޮށްފި އެވެ.
ކްލަބްހައުސް މެދުވެރިކޮށް ރޭ އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އަލީ ރަމީޒު ބުނީ އޭނާ އަކީ މިހާތަނަށްވެސް ސީރިއާ ފަދަ ގައުމު ތަކަށް ޖިހާދަށް މީހުން ފޮނުވާ އެފަދަ ކަންކަމަށް ފަންޑުކުރާ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ އެމެރިކާ ފަދަ ބޮޑެތި ޖާސޫސީ އިދާރާ ތަކަށް ކަމަށެވެ.
"ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއް އިނގޭތޯ މިސާލަކަށް ޖަމިއްޔަތުއްސަލަފުން މީހުން ރެކްރޫޓު ކުރަނިއްޔޭ. ސީރިއާއަށް ފޮނުވަނިއްޔޭ މިވެނި ތަނަކަށް ފޮނުވަނިއްޔޭ. އަލީ ރަމީޒު މިވެނި ތާކަށް މީހުން ފޮނުވަނިއްޔޭ ފަންޑު ކުރަނިއްޔޭ. ހަމަ ﷲ ގަންދީ ހުވާ ކޮށްފަ މިބުނަނީ ދުވަހަކުވެސް އެފަދަ ކަމެއް ނުހިނގާ،" ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ, އަދި ފަހުން ލަވަކިޔުން ހުއްޓާލުމަށްފަހު މަދަހަ ކިޔުމާއި ދީނީ މައުލޫމާތު ފަތުރައި, ދީނީ ގިނަ ޕްރޮގްރާމްތައް ފެތުރުމުގައި އުޅޭ އަލީ ރަމީޒު ބުންޏެވެ.
އަލީ ރަމީޒު ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތި އެޒާތުގެ ވާހަކަތައް ދައްކާ މީހުންނަކީ މިފަދަ ތަހުޒީބު ޒަމާނެއްގައި މައުލޫމާތުގެ ގޮތުން ވަރަށް ނިކަމެތި ބައެއް ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ޓްވިޓާއިން ސަސްޕެންޑުވެސް ކުރިއެވެ. އެހެން ނަމަވެސް ފަހުން އޭނާގެ އެކައުންޓް އަލުން ވަނީ އެކްޓިވް ވެފައެވެ.