01 Jul 2021, 13:06
ކުއާލަލަންޕޫރު (ޖުލައި 01): މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ބިން މުހައްމަދު ޔާސީން އަށް ކުރިމަތިވެ ވަޑައިގެންނެވި ކުއްލި އާލަސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލުގައި އޭނާ އެނދުމަތިކޮށްފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުފުޅުން 74 އަހަރުގެ މުހްޔިއްދީން ބިން މުހައްމަދު ޔާސީން ހޮސްޕިޓަލުގައި އެނދުމަތިކުރީ އިއްޔެ ހެދުނު ކަމަށާ އޭނާއަށް ކުރިމަތިވެފައިވަނީ ބޭރަށް ހިންގުމުގެ ރޯގާ އެއްކަމުގައެވެ.
ހޮސްޕިޓަލުގައި އެނދުމަތިކުރީ ކުރިން މުހްޔިއްދީން ޔާސީންއަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަށް ބަލާފައި އިތުރު ޓެސްޓުތައް ހެދުމަށް ކަމަށާ، ބޭރަށް ހިންގުމުގެ ކަންތައް އެއްކޮށް ރަނގަނޅުވެ މިހާރު ހަދަމުންގެންދާ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ޑޮކަޓްރުންގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ ގޮތުން އޭނާ ހޮސްޕިޓަލުގައި އެނދުމަތި ކުރީކަމަށް އެ ބަޔާން ބުނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުކަމާ މުހްޔިއްދީން ޔާސީން ހަވާލުވެ ވަޑައިގެންނެވީ 2020 ވަނައަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެކުރިން މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބުކަން 2009 ން 2015 އަށް އޭނާ ކުރައްވާފައި ވެއެވެ. އޭގެކުރިން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އަބްދުﷲ އަހްމަދު ބަދަވީގެ ކެބިނެޓްގައި އެގައުމުގެ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީ އާ ބެހޭ ވުޒާރާގެ ވަޒީރުކަންވެސް އެއްއަހަރު ދުވަހުގެ މުއްދަތަށް މުހްޔިއްދީން ޔާސީން ކުރައްވާފައިވެއެވެ.
ދެހާސް އަށާރަވަނަ އަހަރު މުހްޔިއްދީން ޔާސީންއަށް ލިވާގެ ކެންސަރު ޖެހިވަޑައިގަތެވެ. ނަމަވެސް މިދިޔައަހަރުގެ މެދެއްހާ ހިސާބުގައި އޭނާވަނީ ލިވާ ކެންސަރުން އެއްކޮށް ސަލާމަތްވެ ވަޑައިގެންފައެވެ.