01 Jul 2021, 12:16
ވޮޝިންޓަން (ޖުލައި 1): އެމެރިކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ޑޮނަލްޑް ރަމްސްފެލްޑް، 88، އަވަހާރަވެއްޖެ އެވެ.
ރަމްސްފެލްޑްގެ އާއިލާއިން ބުނި ގޮތުގައި އޭނާ އަވަހާރަވީ ނިއު މެކްސިކޯގައި ހުންނަ އޭނާގެ ގޭގަ އެވެ. އަދި އޭނާގެ އުމުރު ހޭދަކޮށްފައި ވަނީ ގައުމަށް ހިދުމަތް ކުރުމުގައި ކަމަށާއި އޭނާ ހަނދާން ކުރާނީ އަނބިކަނބަލުންނާއި އާއިލާ އާއި އެކުވެރިންނާ މެދު ބޭއްވި ގާތް ކަމަށް ކަމަށް އެ އާއިލާގެ ބަޔާނުގައިވެ އެވެ.
ރަމްސްފެލްޑް އެމެރިކާގެ ޑިފެންސް ސެކްރެޓަރީކަން ފުރަތަމަ ކުރެއްވީ ކުރީގެ ރައީސް ޖެރަލްޑް ފޯޑްގެ ވެރިކަމުގައި 1975އިން 1977އަށެވެ. އަދި ދެވަނަ ދައުރެއްގައި އެމަގާމު ފުރުއްވީ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި 2001އިން 2006އަށެވެ.
އެމެރިކާއަށް 11 ސެޕްޓެމްބަރު 2001ގައި ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު އެގައުމުން އަފްޣާނިސްތާނާއި އިރާގަށް އަރައިގަތުމަށް ނިންމި ނިންމުންތަކުގައި ރަމްސްފެލްޑް އިސް ދައުރެއް އަދާ ކުރެއްވި އެވެ. އެގޮތުން އިރާގުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެފަދަ ހަތިޔާރެއް އެގައުމުން ނުފެނެ އެވެ. ނަމަވެސް އެެމެރިކާއިން އިރާގަށް އަރާ، ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލި އެވެ.
އެމެރިކާއިން އިރާގަށް އަރައިގަތުމުގެ ސަބަބުން މަރުވި އާއްމު ރައްޔިތުންގެ އަދަދު ޔަގީން ކުރުމަށް މަސައްކަތް ކުރާ އިރާގު ބޮޑީ ކައުންޓުން ލަފާ ކުރާ ގޮތުގައި، 2003ގެ ފަހުން އެގައުމުން ހަނގުރާމައާ ގުޅިގެން 185،724 އާއި 208،830 އާ ދެމެދުގެ އަދަދަކަށް އާއްމު ރައްޔިތުން މަރުވެފައިވެ އެވެ.
މީގެ އިތުރުންް އިރާގުގެ އަބޫ ގުރައިބް ޖަލުގައި ހައްޔަރު ކުރި މީހުންނަށް ލާއިންސާނީ އަނިޔާތައް ކުރީވެސް ސީދާ ރަމްސްފެލްޑްގެ އަމުރަށެވެ. އެ ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުންނަށް ދިން އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ އަދި ޖިންސީ އަނިޔާތައް ހިމެނެ އެވެ.
އަރަބި ދުނިޔޭގެ މިންވަންކަމަށް މަސައްކަތް ކުރާ ރިސާޗް އެންޑް އެކްޓިވިސްޓު ޖަމިއްޔާއެއް ކަމަށްވާ ކަވާކިބީ ފައުންޑޭޝަންގެ ރައީސް އިޔާދު އަލް ބަގުދާދީ ވިދާޅުވި ގޮތުގައި ރަމްސްފެލްޑް އަކީ "ގަތުލްއާއްމު ހިންގާ، އަނިޔާ އާއި ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ހިންގި ގަވާއިދާ ހިލާފު ހަނގުރާމަތަކުގައި އިސްކޮށް ހުރި މުޖުރިމެކެވެ".