އިންޑިއާއާމެދު އެއްވެސް ކަހަލަ ނަފްރަތުކަމެއް ނެތް ކަމަށާއި، ދެކޮޅު ހައްދަވަނީ އެގައުމުގެ ސިފައިން ރާއްޖޭގައި ތިބުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން މިއަދު ޑރ.ޝަހީމް ވިދާޅުވީ ހުރިހާ ގައުމުތަކާ އެކުވެސް އެކުވެރި، ގާތް ގުޅުމެއް ބާއްވާ ގައުމަކަށް ރާއްޖެ ވާންޖެހޭ ކަމަށެވެ. އަދި ހާރިޖީ ގުޅުމަކީ ކޮންމެ ގައުމެއްގެވެސް ރައްކާތެރިކަމަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް ގައުމުތަކާއެކު ގުޅުން ބާއްވާއިރު ކަންކަން އޮންނަންޖެހޭނީ ރާއްޖޭގެ ދާހިލީ މަސްލަހަތައް ބުރޫ ނާރާގޮތައް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ "އިންޑިއާ އައުޓް" ގޮވަނީ އެއްވެސް ގޮތަކަށް އިންޑިއާއާމެދު ނަފުރަތުކަމެއް އޮވެގެން ނޫން ކަމަށާއި، އެގައުމުގެ ނަރުހުންނާއި ޓީޗަރުން ރާއްޖެއަށް ހިދުމަތްކުރާތީ އުފާވާ ކަމަށެވެ.

"އަޅުގަނޑުމެން އިންޑިއާއާ ދޭތެރޭ އެއްވެސް ނަފްރަތެއް ނޯންނާނެ. އަޅުގަނޑު ވަރަށް ލޯބިވާ ގައުމެއް އިންޑިއާއަކީ ގުޅުން ބާއްވަން ބޭނުންވާ ގައުމެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.

އެހެންނަމަވެސް، ދެ ގައުމުގެ ދޭތެރޭ ބާއްވާ ގުޅުންތަކަކީ އެއްވެސް ގައުމަކަށް ގެއްލުއްވާ ގޮތަށް އޮންނަ ކަމަކަށް ވެގެން ނުވާނެކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާމެދު ނަފްރަތު ނެތަސް، ދާއިމީ ގޮތެއްގައި އިންޑިއާގެ އަސްކަރީން ރާއްޖޭގައި ތިބުމާ ދެކޮޅުކަމަށް ޝަހީމް ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން "އިންޑިއާ އައުޓް"ގެ ނަމުގައި މީގެ ކުރިން ވަނީ މަގުމަތީގައިވެސް ސުލްހަވެރި އިހްތިޖާޖްތަކެއް ބާއްވާފައެވެެ. ކޮވިޑާ ގުޅިގެން އެ އެއްވުންތައް ހުއްޓާލި ނަމަވެސް، އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި "އިންޑިއާ އައުޓް" ހޭޝްޓެގު ބޭނުންކުރައްވައި ގިނަ ބަޔަކު އަންނަނީ ޓުވީޓު ކުރަމުންނެވެ.