ރާއްޖޭގައި މިހާރު އުފެދިގެން އުޅޭ ސިޔާސީ ހަލަބޮލިކަމަށް ހައްލެއް ހޯދުމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

އޮންލައިން ނޫސް "ދަ ޓައިމްސް އޮފް އިންޑިއާ" ގައި ބުނަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ މަތާއީ ގެ ދަތުރުފުޅަކީ ރާއްޖޭގައި މިހާރު އުފެދިގެން އުޅޭ ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމަށް އިންޑިއާއިން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. މަތާއީގެ ދަތުރުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދާއި ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރައްވާނެ އެވެ.

ދަ ޓައިމްސް އިން ބުނީ އެމްޑީޕީން މާދަމާ ބާއްވަން މަސައްކަތް ކުރާ މުޒާހަރާގެ ކުރިން ނަޝީދާ އެކު މަތާއީ ބާއްވާ މަޝްވަރާތަކުގައި ރާއްޖޭގެ ސިޔާސީ މައްސަލައިގައި އިންޑިއާއިން ދެކޭގޮތް ހާމަކުރައްވާނެ ކަމަށާއި މި މައްސަލަތުގައި ހައްލުހޯދޭނެ ގޮތްތަކާ މެދުވެސް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާ އެކު ބާއްވާ ބައްދަލުވުމުގައި އެމްޑީޕީގެ ރެލީގައި ހަމަނުޖެހެއް ހިންގުމަށް އިންޑިއާއިން ތާއީދު ނުކުރާ ކަމަށާއި ނަޝީދު ހައްޔަރުކުރުމައް ކުރެވޭ އެއްވެސް މަސައްކަތަކައް އެ ގައުމުގެ ތާއީދު ނެތް ކަންވެސް ހާމަކުރާނެ ކަމައްވެސް އެ ނޫސް ބުންޏެވެ.

އިންޑިއާގެ ފޮރިން ސެކެކްރެޓަރީ ރާއްޖެ އަށް ދަތުރުފުޅެއް ފައްޓަވާފައި މިވަނީ ވަހީދުގެ ސަރުކާރު ބަލައިގަންނާނެ ކަން އިންޑިއާއިން ހާމަކުރުމުން އެ ނިންމުމަށް ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ދަޑިވަޅެއްގަ އެވެ.

އިންޑިއާއިން ބުނީ އެ ގައުމުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.