މޮސްކޯ (ފެބްރުއަރީ 16) : ސޫރިޔާގެ ވެރިކަން ބަދަލުކުރުމަށް ޤާނޫނީ ޝަރްޢިއްޔަތު ދޭ ތަނެއްގެ ގޮތުގައި އދ.ގެ ސަލާމަތީ މަޖިލިސް ހެދުމުގެ ފުރްސަތު ރަޝިޔާއިން ނުދޭނެ ކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު ސަރގީ ލާވްރޯވް ވިދާޅުވެއްޖެވެ.

ހޮލެންޑްގެ ޚާރިޖީ ވަޒީރު އޮރީ ރޮޒަންތާލް އާ މޮސްކޯގައި ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ލާވްރޯވް ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ސުލްހަވެރިގޮތުގައި ހުއްޓުވުމަށް ކުރެވެންހުރި ކަމެއް ރަޝިޔާވެސް ކުރަމުން ގެންދާނެ ކަމަށާއި ނަމަވެސް ސޫރިޔާގެ ވެރިކަން ބޭރުގެ ފަރާތްތައް އަޑީގައި ތިބެގެން ބަދަލުކުރުމަކީ އެޤައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޙައްލު ނޫންކަމުގަ އެވެ.

ލާވްރޯވް ވިދާޅުވީ ސޫރިޔާގެ ވެރިކަން ވައްޓާލުމާއި ވައްޓާނުލުން އޮތީ އެޤައުމުގެ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި މިއީ އދ. ން ނޫނީ ޤައުމަކުން މިކަމުގެ ތެރެއަށް ވަންނަން ޖެހޭ ކަމެއްނޫނެވެ. ލާވްރޯވް ވަނީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ހުއްޓުވުމުގެ ބަދަލުގައި އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށްގެން ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕްގެ މައްޗަށް ކުރަައްވާފަ އެވެ. ސޫރިޔާގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭރުގެ ބާރެއް އެޤައުމަށް ވަނުމާ ރަޝިޔާ ދެކޮޅު ހަދާކަން ލާވްރޯވް ހާމަކުރެއްވި އެވެ.
އަނެއްކޮޅުން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްވަނީ އެޤައުމަށް ދިމުޤްރާތީ އިސްލާޙް ގެނައުމަށްޓަކައި އެކުލަވާލާފައިވާ އައުދަސްތޫރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅުއްވާނެކަން އިޢްލާން ކުރައްވާފައެވެ. ފެންނަ ނުފެންނަ ވޯޓު ނަގާނީ މިފެބްރުއަރީ މަހުގެ 26 ގައި ކަންވެސް ރައީސް ބައްޝާރުލް އަސަދް ހާމަކުރެއްވިއެވެ. (އަލްޖަޒީރާ)