01 Jul 2021, 09:29
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ "ހީރޯޕަންތީ 2" ގެ ޝޫޓިން އަނެއްކާ ވެސް ފަށައިފިއެވެ.
ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ކާމިޔާބުކަމާއެކީ ނިންމާލާފައިވާއިރު ފިލްމުގެ ދެވަނަ ޝެޑިއުލްގެ މަސައްކަތް ފެށީ މުމްބާއީގައެވެ. ފިލްމުގެ ޝޫޓިން އިއްޔެ ފަށާނެ ކަން ޓައިގާ ހާމަކުރީ އޭނާ އިންސްޓަގްރާމުގައި ހިއްސާކުރި ސްޓޯރީގައެވެ.
ޓައިގާ އާ ތާރާ ސުތާރިއާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ހީރޯޕަންތީ 2 އަކީ ސާޖިދު ނަޑިއަދުވާލާގެ ޕްރޮޑިއުސްކުރާ ފިލްމެކެވެ. 2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ޓައިގާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް އެކްޓަރެވެ.
ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާން އެވެ. ފިލްމުގެ ދެވަނަ ބައިގެ މިއުޒިކް ހަދާނީ އޭ އާރު ރަހްމާންއެވެ.
އެކްޓަރު ޓައިގާ އެންމެ ފަހުން ފެނިގެންދިޔައީ "ބާގީ 3" އިންނެވެ. މި ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވީ ޝްރައްދާ ކަޕޫރު، އަންކިތާ ލޯކަންޑޭ އަދި ރިތޭޝް ދޭޝްމުކް އެވެ.