30 Jun 2021, 21:27
ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތުރު އީދަށް ހާއްސަކޮސްގެން ތައާރަފުކުރި ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކުރުމުން ލިބުނު ފައިސާގެ 10 ޕަސެންޓު މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކޮށްފި އެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޑޭޓާ ބަންޑަލްތަކުން ލިބުނު 313,235 ރުފިޔާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ވަނީ ހަދިޔާކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް ވިދާޅުވީ ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އެ ޖަމިއްޔާއަށް އެންމެ ކުރީއްސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުނި ކަމަށެވެ.
"ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަގުނަ ފައިދާއާއި ކުރިއެރުން އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެހެންކަމުން އަޅުގަނޑުމެންގެ ޕޭޝަންޓުންނާއި ބެލެނިވެރިންގެ ފަރާތުން ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން," ޖީހާން ވިދާޅުވި އެވެ.
ދިރާގުން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައިވެސް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ 10 ޕަސެންޓު އެކި ޖަމިއްޔާތަކަށް ހަދިޔާ ކޮށްފަ އެވެ.
އޭގެ ތެރޭގައި ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ހިމެނެ އެވެ.