30 Jun 2021, 21:24
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބީއެމްއެލް "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް"އަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް އެހީވާން ބީއެމްއެލްއިން ތައާރަފުކުރި ފަންޑެކެވެ.
ދެވަނަ ކުއާޓަރުގައި އެ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވުނު އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލްއަކީ:
ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުން- ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
- ށ. ޅައިމަގުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން- ޅައިމަގު އެކުވެރިންގެ ރޫހު
- ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓް ހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުން- އިބްރާހިމް ނިޔާޒް
- ގދ. ފިޔޯރީގައި އައުޓްޑޯ ކޮމިއުނިޓީ ލައިބްރަރީއެއް ހެދުން- ފިޔޯރީ އެސޯސިއޭޝަން ފޮ ކޮމިއުނިޓީ އެމްޕަވަރމެންޓް
- އައްޑޫ ސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން- އިބްރާހިމް އާތިފް
މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރެއްގައިވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބުނު ކަމަށެވެ.
"މި ފިޔަވަހީގައި ހޮވުނު ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 50 ރަށެއްގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި." އޭނާ ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ.