30 Jun 2021, 18:50
ޖުލައި އެކެއްވާ ބުރާސްފަތި ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް މިސްކިތްތައް ހުޅުވާލަން ނިންމީ ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ޖުލައި އެކަކުން ފެށިގެން ލުއި ދިނުމަށް ސަރުކާރުން ނިންމުމުން ކަމަށެވެ.
އެހެން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން މިނިސްޓްރީއާއި ދައުލަތުން ކަނޑައަޅާ ވަކި ކަންކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ގައިދުރުކޮށް ޖަމާއަތް ހެދުމުގެ އިތުރުން މިސްކިތަށް ދާއިރު އަމިއްލަ މުސައްލައެއް ގެންދިއުމާއި މާސްކު އެޅުމެވެ.
މިދިޔަ އޭޕްރިލް އަދި މޭ މަހު މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން މޭ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތައް ބަންދުކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް އޭގެ ފަހުން ބައެއް މިސްކިތްތަކުގައި ވަކި ވަކިން ނަމާދުކުރެވޭނެކަމަށް ނިންމައިފަ އެވެ.
ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާއެކު މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޔަވަޅުތަކަށް ބޮޑު ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.