16 Feb 2012, 11:09
ކާބުލް(ފެބްރުއަރީ 16) : އެމެރިކާއާއި އަފްޣާން ސަރުކާރުން ތާލިބާން ޖަމާއަތާއެކު ސުލްޙައިގެ ވާހަކަތަކެއް ދައްކައިފިކަން އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ހާމަކުރައްވައިފި އެވެ.
އެމެރިކާގެ ވޯލްސްޓްރީޓް ޖޯނަލް އަށް ދެއްވި ބަސްދީ ގަތުމެއްގައި ކަރުޒާއި ވިދާޅުވީ އެމެރިކާ އާއި އަފްޣާން ސަރުކާރުން ތާލިބާން ޖަމާއަތާ އެކު ސުލްޙައިގެ ވާހަކަތަކެއް ދައްކައިފި ކަމަށާއި މިއީ އަފްޣާނިސްތާނަށް ސުލްހަގެނައުމުގެ ޕްލޭންގެ ދަށުން ބޭއްވި ވާހަކަތަކެއް ކަމުގަ އެވެ. ނަމަވެސް ވާހަކަތައް ބޭއްވި ތަނަކާއި ވާހަކަތައް ހިނގައިދިޔަ ގޮތާއި އޭގެ ނަތީޖާ ހާމަކުރެއްވުމަށް ކަރުޒާއި ދެކޮޅު ހެއްދެވި އެވެ.
މިކަންތައްތައް މިވަގުތު ހާމަކުރުމަކީ ސުލްހައިގެ މަސައްކަތްތަކަށް ނޭދެވޭ އަސަރެއް ފޯރާފާނެ ކަމެއްކަމަށް ކަރުޒާއި ވިދާޅުވި އެވެ. ނުރަސްމީ ރިޕޯޓްތައް ބުނާގޮތުން އެމެރިކާ އާއި އަފްޣާން ސަރުކާރުން ތާލިބާން ޖަމާއަތާއެކު ސުލްޙައިގެ ވާހަކަތައް ބާއްވާފައި ވަނީ ސަޢޫދީ ސަރުކާރުގެ ބެލުމުގެ ދަށުން ސަޢޫދީ އަރަބިޔާގަ އެވެ.
މިވާހަކަތައް ބާއްވާފައި ވަނީ މިހަފްތާގެ ކުރީކޮޅުގައި ކަމަށް ވެސް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ތާލިބާނުންނާ އެކު ބާއްވާ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމުގެ ޝަރުތެއްގެ ގޮތުން ގުއަންޓެނަމޯ ޖަލުގައި ތިބި ތާލިބާން ހަނގުރާމަވެރިން މިނިވަން ކުރުމަށް ތާލިބާނުން ވަނީ އެދިފަ އެވެ.
ގުއަންޓެނަމޯ ޖަލުގައިތިބި ތާލިބާން ހަނގުރާމަވެރިން މިނިވަން ކުރުމާބެހޭ ގޮތުން އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ އާއި އެމެރިކާގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ވަނީ މަޝްވަރާ ކުރައްވާފަ އެވެ. ނަމަވެސް ޕެނެޓާ ވަނީ މިނިވަންކުރާ ތާލިބާނުން އެނބުރި ތާލިބާންގެ ހަނގުރާމަވެރިންނާ ގުޅިދާނެކަމުގެ ބިރުއެބައޮތް ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފަ އެވެ. މިއާއެކު ވެސް ޖެނެރަލް ޑިމްޕްސީވަނީ ގުއަންޓެނާމޯ ޖަލުން ތާލިބާން ހަނގުރާމަވެރިން މިނިވަންކުރުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. (އަލްޖަޒީރާ)