30 Jun 2021, 16:43
އެމެރިކާއަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ދޮގު ހަދައިގެން އިރާގަށް އަރައި އިރާގުގެ މިލިއަނަކަށްވުރެ ގިނަ މީހުން މަރާލާފައިވާ އަނިޔާވެރި ޓެރަރިސްޓް ގައުމެއް ކަމަށާއި އިރާގުގައި ތިބި އެމެރިކާގެ ސިފައިން ލަސްތަކެއްނުވެ ފައްސާލާނެ ކަމަށް އިރާގުގެ ހަނގުރާމަވެރި ޖަމާއަތަކުން ބުނެފިއެވެ.
އިރާގު ރައްޔިތުންގެ ބޮލަށް ބޮން އެޅުމުގެ ފުރުސަތު ތާއަބަދު އެމެރިކާއަށް ނުދެވޭނެ
އިރާގު ގެ ސިފައިންނާ ގުޅިފައިވާ އަދި އީރާނުގެ އަސްކަރީ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "އަލްޙަޝްދުއްޝައަބީ" ގެ ވެރިޔާ އައްޝައިޚް ގައިސުލް ޚަޒްއަލީ އެމެރިކާއަށް އިންޒާރު ދެއްވަމުން ވިދާޅުވީ އެމެރިކާ ގެންދަނީ އިރާގުގެ ބިމުގައި ފައިހަރުކޮށްލައިގެން އިރާގުގެ ޖަމާއަތްތަކަށް ހަމަލާތައް ދެމުންކަމަށާއި އިރާގުގެ ބިމުގައި އިރާގު ރައްޔިތުންނާ ހަނގުރާމަކޮށް އިރާގު މީހުންގެ ބޮލަށް ބޮންއެޅުމުގެ ފުރުސަތު ތާއަބަދު އެމެރިކާއަށް ނުދޭނެކަމުގައެވެ.
އެމެރިކާއަށް ވޭންދެނިވި ރައްދެއް ދޭނެ
ޚަޒްއަލީ އެމެރިކާއަށް އިންޒާރު ދެއްވަމުން ވިދާޅުވީ އިރާގުގައި ތިބި އެމެރިކާ ސިފައިން ދާދިފަހުން އިރާގުގެ ޖަމާއަތްތަކަށް ދިން ހަމަލާތަކަށް ވޭންދެނިވި ރައްދެއް ދޭނެކަމަށާއި އެމެރިކާ ސިފައިން އިރާގުން އެއްކޮށް ފައިބަންދެން އެމެރިކާ ސިފައިންނަށް ހުއްޓުމެއްނެތި ޙަމަލާތައް ދެމުން ގެންދާނެކަމުގައެވެ. ޚަޒްއަލީ މި އިންޒާރު ދެއްވާފައިވާއިރު ސޫރިޔާގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތަކުންވެސް އިއްޔެވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އިރާގުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވަނީ
ޚަޒްއަލީ އެމެރިކާއަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެމެރިކާ ހީނުކުރާފަދަ ބާރުގަދަ ހަތިޔާރު އިރާގުގެ ޖަމާއަތްތަކުގެ އަތްދަށުގައި އެބަހުރިކަމަށާ އެހަތިޔާރު ބޭނުންކޮށްގެން އިރާގުގައިވާ އެމެރިކާގެ އަސްކަރީ ކޭމްޕްތަކަށް ޙަމަލާ ދޭން ފަށައިފިނަމަ އެމެރިކާ ސިފައިންގެ އެތަށް ބަޔަކު ކޮންމެދުވަހު މަރުވެ އަދި ގިނަބަޔަކު ޒަޚަމްވެގެންދާނެކަމަށާ އެކަމަށް އެމެރިކާއަށް ކެތްކޮށް ނުލެވޭނެ ކަމުގައެވެ.
އިރާގުގެ ބޮޑުވަޒީރު ވިދާޅުވަނީ އެމެރިކާ ސިފައިން އެގައުމުން ބާލަން ޖެހިއްޖެ ކަމަށް
ޚަޒްއަލީ ގެ އިންޒާރުގެ ކުރިން އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ ވަނީ އިރާގުގެ ޖަމާއަތްތަކާއި އެމެރިކާ ސިފައިންނާ ދެމެދު ބަދަލުކުރަމުން ގެންދާ ހަމަލާތަކުގެ ސަބަބުން އިރާގުގެ ގައުމީ ސަލާމަތަށާއި އަދި އިރާގު ރައްޔިތުންގެ ވަތަނީ އެއްބައިވަންތަކަމަށް ގެއްލުން ލިބެމުންދާތީ އިރާގު ސަރުކާރުންވެސް އެމެރިކާ ސިފައިން އިރާގުގައި ބައިތިއްބަން މިހާރު ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ. އިރާގުގެ އަމަނާބެހޭ ކަންކަން އިރާގު ސަރުކާރަށް މިހާރު ބެލެހެއްޓޭނެ ކަމަށްވެސް އިރާގުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު އެމެރިކާ ސިފައިން އިރާގުގެ ޖަމާއަތްތަކަށް ދިން ޙަމަލާކުށްވެރި ކުރައްވައި އިރާގުގެ ބޮޑުވަޒީރު ވިދާޅުވީ އެމެރިކާގެ ޙަމަލާތަކަކީ އިރާގުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށް ސިފަކުރައްވައި އެމެރިކާ ކުށްވެރި ކުރައްވާފައެވެ.
އިރާގުގެ ބޮޑުވަޒީރު ވިދާޅުވީ އެމެރިކާ ސިފައިން މަރުހަލާތަކަކަށް ބަހާލައިގެން އިރާގުން ބޭލުމުގެ ޕްލޭނެއް އޭނާގެ ސަރުކާރުން މިހާރު އެކުލަވާލާފައިވާ ކަމަށާ އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސައިން އަންނަ ހަފްތާގައި އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި މި ޕްލޭން ތަންފީޒު ކުރުމާބެހޭގޮތުން އެމެރިކާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާނެ ކަމުގައެވެ.
އެެމެރިކާ ބުނަނީ އިރާގުގެ ޖަމާއަތްތަކާ ހަނގުރާމަ ކުރަން ބޭނުން ނުވާކަމަށް
އިރާގުގެ "އަލްޙަޝްދުއްޝަޢަބީ" ގެ ވެރިޔާގެ އިންޒާރަށްފަހު އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިންވަނީ އިރާގުގެ ޖަމާއަތްތަކާ ހަނގުރާމަކުރަން އެމެރިކާ ބޭނުން ނުވާކަމަށާ މަސްރަހު ހޫނުކުރަންވެސް ބޭނުން ނުވާކަމަށް ބުނެފައެވެ. އިރާގުގައި ތިބި އެމެރިކާ ސިފައިން 2020 ވަނައަހަރު އިރާގުގެ ޖަމާއަތްތަކަށް ޙަމަލާތަކެއް ދިނުމުން އިރާގުގެ ޕާލަމެންޓުންވަނީ އެމެރިކާ ސިފައިން އިރާގުން ބޭލުމަށް އިރާގު ސަރުކާރަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ. މިގަރާރާ ގުޅިގެން އެމެރިކާ ކަންބޮޑުވާކަން ހާމަކުރުމުން އިރާގުންވަނީ އެމެރިކާ ސިފައިން އިރާގުން ބޭލުމުގެ ކަންތައް ކުޑަކޮށް ފަސްކޮށްލާފައެވެ.

އީރާންގެ މަދަދު ލިބޭ އިރާގުގެ ހަނގުރާމަވެރިން
ނަމަވެސް މިދިޔަ އާދީއްތަ ދުވަހު އަނެއްކާވެސް އެމެރިކާއިން އިރާގުގެ ޖަމާއަތްތަކުގެ ބައެއް މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނުމުން އިރާގުގައިވަނީ އެމެރިކާ ސިފައިން އެގައުމުން ބޭރުކޮށްލުމަށް ގޮވާލާ އަޑުތައް ގަދަވެފައެވެ. އީރާނުގެ އަސްކަރީ މަދަދު ލިބޭ އިރާގުގެ "އަލްޙަޝްދުއްޝަޢަބީ" ޖަމާއަތާއި އެނޫންވެސް ޖަމާއަތްތަކަކީ އިރާގުގެ ސަރުކާރާވެސް ގުޅުންބޮޑު ޖަމާއަތްތަކެކެވެ.
އެމެރިކާ ބުނާގޮތުން ޙަމަލާދެނީ "އަމިއްލަ ނަފްސުގެ ދިފާއުގައި"
އެމެރިކާ އިރާގުގެ ޖަމާއަތްތަކަށް ހަމަލާދިނީ އިރާގުގައިވާ އެމެރިކާ ސިފައިންނަށް ޑްރޯން ބޭނުންކޮށްގެން އިރާގުގެ ޖަމާއަތްތަކުން ތަކުރާރުކޮށް ދެމުން ގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށާ މިއީ "އަމިއްލަ ނަފްސުގެ ދިފާއު" ކަމަށް އެމެރިކާ ބުނެފައިވެއެވެ. އިރާގުގެ ބިމުގައި އެމެރިކާ އޮވެ އިރާގުގެ ޖަމާއަތްތަކަށް ހަމަލަދިނުމަކީ އަމިއްލަ ނަފްސުގެ ދިފާއު ކުރުން ކަމަށް އެމެރިކާ ބުނާއިރު އެމެރިކާގައި ބޭރު ގައުމެއްގެ ސިފައިން ތިބެ އެމީހުން އެމެރިކާ ރައްޔިތުންނަށް ހަމަލާ ދިނުމަށްފަހު އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ޙަމަލާއެއް ކަމަށް ބުނުމުން އެކަން އެމެރިކާ ގަބޫލުކުރާނެތޯ އިރާގުގެ މީޑީއާއިން ވަނީ ސުވާލު އުފައްދާފައެވެ.
އީރާނުގެ މަދަދު ލިބޭ އިރާގުގެ ޖަމާއަތްތަކަކީ އިރާގު ސަރުކާރާވެސް ގުޅިފައިވާ ޖަމާއަތްތަކެއް
އިރާގުގައި އައިއެސް ޖަމާއަތް ބަލިކޮށްލުމަށް އިރާގު ސިފައިން ކުރި ހަނގުރާމައިގާވެސް އެންމެ ބޮޑު އެހީތެރިކަމެއް އިރާގު ސިފައިންނަށް ދީފައިވަނީ މިޖަމާއަތްތަކުންނެވެ. އައިއެސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި އިރާގަށް އައިސްތިބި އެމެރިކާ ސިފައިން އައިއެސް ހެ ހަނގުރާމަވެރިންނަށް ޙަމަލާތައް ދެނީ ވައިގެ މަގުންނެވެ. އެއްގަމު މަގުން އައިއެސް ގެ ހަނގުރާމަވެރިންނާ ކުރިމަތިލައި އައިއެސްގެ ސަފުތައް ބަލިކޮށްލީ އިރާގު ސިފައިންނާއި އީރާނުގެ މަދަދުލިބޭ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުންނެވެ.
އެމެރިކާ ސިފައިން 2011 ވަނައަހަރު އިރާގުން ފޭބިއެވެ. ނަމަވެސް އެއަށްފަހު އިރާގުގައި އައިއެސް ޖަމާއަތުގެ ބާރުގަދަވާން ފެށުމުން އެމެރިކާ ސިފައިންގެ މުދައްރިބުންނާއި އަސްކަރީ މުސްތަޝާރުންގެ އިތުރުން އެމެރިކާ ސިފައިންގެ ކޮންބަޓް ފޯސަސްގެ 5 ހާސް ސިފައިންވަނީ އަސްކަރީ އެއްބަސްވުމެއްގެ ދަށުން އިރާގަށް އަލުން ފޮނުވާފައެވެ.
މިހާރު އިރާގުގައި ތިބިކަމަށް މައުލޫމާތު ލިބެނީ އެމެރިކާގެ ހަތް ހާހާއި އަށް ހާހާ ދެމެދުގެ އަދަދެއްގެ ސިފައިންނެވެ.