16 Feb 2012, 10:50
ދިރިއުޅޭ އެޕާޓްމަންޓުގެ ތެރޭގައި ބަނގުރާ ބޮއެގެން ހުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ވޯކްސް ކޯޕަރޭޝަންގެ ޑިރެކްޓާ އަބްދުﷲ ޖާވިދު ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ، ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި 20،000ރ. އޭނާ ކޯޓުގައި ބެހެއްޓުމުން މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، ރައްޔިތުންްގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު، ޖާވިދުގެ ތަހުގީގު ނިންމައި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަކަ މަށެވެ.
ކަފާލާތުގެ ދަށުން ޖާ ދޫކޮށްލާފައި ވަނީ ފުލުހުންގެ ތަހުގީގަށް ހަތް ދުވަހު އޭނާ ހައްޔަރުގައި ބެހެއްޓުމަށް މި މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓު ޖަހައިދިން މުއްދަތު ހަމަވުމުން އިތުރަށް ބަންދުގައި ބެހެއްޓުމަށް ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރުމުން ޖާ ޝަރީއަތުގައި އެގޮތަށް އެދުމާ ގުޅިގެންނެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފުލުހުން ގޮސް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު ބަނގުރާ ފުޅިތަކަކާއި ބަނގުރާ އަޅާފައި ހުރި ކަމަށް ތުހުމަތުކުރެވޭ ބައެއް ތަކެތި ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.