ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ/ފޮޅޭމާ ތަހުމީން އަހުމަދު 32 އާއި ވ. ތިނަދޫ/ހިޔާ, އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެ ހަތަަރު މީހުންގެ ބަންދަށް ފުލުހުން އެންމެ ފަހުން މުއްދަތު ޖަހާފައިވަނީ މިދިޔަ މެއި މަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޖާޒު އަހުމަދާއި ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދުގެ ބަންދަށް އިތުރު 30 ދުވަސް މި މަހުގެ 22 ވަނަ ދުވަހު ކޯޓުން ދީފައިވާ ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އަހުމަދު ފާތިހުގެ ބަންދަށް މި މަހުގެ 20 ވަނަ ދުވަހު ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ) ގެ ބަންދަށް އިތުރު 15 ދުވަސް މި މަހުގެ 27 ވަނަ ދުވަހު ކޯޓުން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހު ޓެރަރިސްޓު ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ދިރިއުޅޭ ގ. ކެނެރީގޭ ކައިރީގައި ހުރި ސައިކަލެއްގައި އީއައިޑީއެއް ގޮއްވާލައިގެންނެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް ފަރާތަކަށް ތަހުގީގު ހިންގަމުންދާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް އިއްޔެ ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.