01 Jul 2021, 14:45
ކޮވިޑް 19 އަކީ ރާއްޖެ ހިމެނޭހެން މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ބޮޑު ވަބާއެކެވެ. ބޮޑު ބަލިމަޑުކަމެކެވެ. ކޮވިޑާ ގުޅިގެން އިންސާނިއްޔަތަށް ކުރިމަތިވީ ދަތި ދުވަސްތަކެކެވެ. އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު މި ބަލިމަޑުކަމުގައި ދުނިޔެ ދޫކޮށްފިއެވެ. ކޮވިޑަކީ ދަތިތަކާއި ހިތާމައިން މުޅި ދުނިޔެ ބައްދާލި ކަޅު ވިލާގަނޑެކެވެ. ކޮންމެ ކަޅު ވިލާގަނޑަކީ ނުރައްކަލަކަށް ނުވާ ފަދައިން، ކޮވިޑާމެދު ފުންކޮށް ވިސްނާލުމުން ފޮރުވިފައިވާ ރުހުމުގެ ސިފަތަކެއްވެއެވެ.
ކޮވިޑުގެ ސަބަބުން ފަސޭހަތަކެއް ވެއްޖެއޭ ނުވަތަ ކުރިއެރުންތަކެއް އަތުވެއްޖެއޭ ބުނެފިނަމަ އެއީ ގިނަ ބަޔަކު މާ ގަޔާވާ ކަމަށް ނުވެދާނެއެވެ. "ތިޔަށްވުރެ ލިބޭ ގެއްލުން މާ ބޮޑު". މިއީ ކޮވިޑާ ގުޅިގެން "ކުރިއެރުންތަކެއް އަތުވެއްޖެއޭ" ބުނުމުން މީހަކު ދިން ރައްދެވެ. ތެދެއްވެސްމެއެވެ. ކުރިންވެސް ދެންނެވި ފަދައިން ކޮވިޑާ ގުޅިގެން ފޫ ނުބެއްދޭހާ ބޮޑެތި ގެއްލުންތަކެއް ރާއްޖޭގެ އިގްތިސާދަށް ވެސް ލިބިއްޖެއެވެ.
ނަމަވެސް ކޮންމެ ކަމެއްގައިވެސް ދެފަރާތް އޮންނާނެއެވެ. ހަލާދަނޑިގެ ދެ ކޮޅު އޮންނަ ފަދައިންނެވެ. އެހެންކަމުން މިފަހަރު ރުހުމުގެ ލޮލަކުން ކޮވިޑަށް ނަޒަރެއް ހިންގައިލަމާތޯއެވެ.
ތައުލީމު
ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ އުސޫލު ނުވަތަ ސަގާފަތަކީ ރަށުން ކިޔެވެން ހުރި ފެންވަރަކަށް ތައުލީމު ހާސިލުކުރުމަށްފަހު އެއަށްވުރެ މައްޗަށް، ކޮލެޖު ޔުނިވާސިޓީތަކުގައި ކިޔަވަން ބޭނުންނަމަ މާލެ އަށް ބަދަލުވުމެވެ. މާލޭގައި ތިމާގެ އާއިލާ މީހުން ތިބި ކުދިން އެމީހުންގެ ކައިރީ ކުދި ކޮޓަރިތަކުގައި ފިތި ތޮއްޖެހިގެންނެވެ. އެފަދަ ތަންކޮޅެއްވެސް ނެތް ކުދިން އަމިއްލައަށް ބޮޑު ކުލި ދީފައި ތަންތަން ހިފައިގެންނެވެ. ދުރުހިލޭ ބަޔަކު ކައިރީ އެގޮތައް ކިޔަވަން ހުރުމަކީވެސް ހިއްދަތި ތަޖުރިބާއެކެވެ. ކުލި ދައްކަން ވަޒީފާއަށް ދާން ޖެހުމުގެ ނަތީޖާއަކަށް ވެގެންދަނީ ބޭނުންވާ ވަރަށް ކިޔެވުމަށް ވަގުތު ނުދެވުމެވެ. ނުވަތަ މީހާ ސްޓްރެސްވެ ބޯގޮވުމެވެ. ގިނަ ފަހަރަށް ބިލުތައްވެސް ނުދެއްކި އަނގަޔާ އަތާ ދިމާނުވެއެވެ. މާލެ އައިސް ކިޔެވޭނެހާ ތަނަވަސްކަން ނެތް ފަރާތްތަކާއި މައިންބަފައިން އެކަނި ދޫކޮށް ނުވަތަ އާއިލީ ކަންކަމާއި ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އެތައް ބަޔަކަށް އޭރު ތައުލީމު ހާސިލުކުރުމުގެ ނަސީބުން މަހުރޫމް ވެފައި ވެއެވެ.
ކަން މިހެން އޮއްވައި ކުރިމަތިވި ކޮވިޑުގެ ހާލަތާއެކު، ސުކޫލުތަކުގެ އިތުރުން ކޮލެޖު ޔުނިވަސިޓީތަކުގެ ކިޔެވުން އޮންލައިން ކުރެވުނެއެވެ. އެއާއެކު އޭރު ތައުލީމު ހަސިލުކުރުމަށް މާލެ ނާދެވިފައި ތިބި އެތައް ބައެއްގެ ގޭގެ އޮޅިގަނޑު ގިރާކޮށް ގޭގެ އެތެރެގެއަށް ތައުލީމު ވާސިލުވެގެން ދިޔައެވެ. މާލޭގައި ދުރުހިލޭ މީހުން ކައިރީ ބޮޑު ކުލި ދައްކައިގެން ކިޔަވަން އައިސް ތިބި ކުދިންވެސް ރަށަށްގޮސް މައިންބަފައިން ކައިރީ ހިތްހަމަ ޖެހިލައިގެން ކޯސް ހެދުމުގެ ފުރުސަތު ލިބުނެވެ. އޮންލައިން ކޯސްތައް ވެގެން ދިޔައީ ޔުނިވާސިޓީތަކުގައި ކިޔަވަން ބޭނުންވެ، ހާލަތު ނިޔާކުރި ގޮތުން އެ ފުރުސަތު ނުލިބިފައި ތިބި އެތައް ބަޔަކަށް ފަހިވެގެންދިޔަ ރަނުގެ ފުރުސަތަކަށެވެ. އަތިރިމަތީ ހޮޅުއަށިތަކާއި ފިނި މައިޒާންތައް ބަދަލުވީ، ލެޕްޓޮޕާއި ޒަމާނީ ފޯނުގެ އެހީތެރިކަމާއެކު ތައުލީމު އުނގެނޭ ބޮޑެތި މައިދާންތަކަށެވެ.
"ދެން ދިރިއުޅުމުގެ ކަންކަން ރަށުގަ އޭރު ހުރިގޮތުންނާ، ވަޒީފާއަށް ދަމުން ކިޔަވަން އުނދަގޫވީމަ ނުކިޔަވާ ހުރީ. މިހާރު ކޮވިޑާހުރެ އޮންލައިންކޮށް ކްލާސްތައް ބޭއްވީމަ ރަށުގަ ހުރެގެން މި ކިޔަވަނީ. ހަމަ ވަރަށް ފަހި ފުރުސަތެއް މިއީ، ވަރަށް އުފާވެއްޖެ ދެން." ކޯސް ހަދަމުންދާ ދަރިވަރެއް ބުންޏެވެ.

އޮންލައިން ކްލާހުގައި ދަރިވަރަކު ބައިވެރިވަނީ-- ސަން/ފޮޓޯ
ނިމިދިޔަ ލޮކްޑައުންގެ ތެރޭގައި ރާއްޖޭގައި ގިނަ ބާވަތްތަކެއްގެ ކޯސްތަައް އަމިއްލަ ފަރާތްތަކުންވެސް ކުރިއަށް ގެންދިޔައެވެެ. އޭގެ ތެރޭގައި އަރަބި ކޯސްތަކާއި، އިނގިރޭސި ކޯސްތަކާއި އުރުދޫގެ އިތުރުން ހިންދީ ކޯސްތައް ހިމެނެއެވެ. އޭރު ކިޔަވަން ބޭނުންވެ ނަމަވެސް ނުކިޔެވިފައި ތިބި ދެބައި އުމުރުގެ މީހުންނައި މުސްކުޅި ފުރައިގެ މީހުންވެސް އެ ކޯސްތަކުގައި ބައިވެރިވެ ގޭގައި ތިބެގެން ފަސޭހަކަމާއެކު ކިޔެވިއެވެ. ފުރިހަމަވެގެން ދިޔައީ އެމީހުންގެ ދުވަސްވީ އުންމީދެކެވެ.
"ދަރިން ތިބީމަ ކުޑަކޮށް އުނދަގޫ އޮންލައިންކޮށް ކިޔަވަން އެކަމަކު ދަރިފުޅު އުނގައްލައިގެން އިނދެވެސް ދެން ކްލާހަށް ޖޮއިން ކޮށްލައިގެން އިންނަނީ. ގޭތެރޭ މަސައްކަތުގަ ކައްކަން އުޅެފަވެސް ހަމަ ކުލާހަށް ޖޮއިންކޮށްލައިގެން ހުންނަނީ. ފަސޭހަ ދެން." ކޯހުގައި ކިޔަވަމުންދާ މަންމައެއް ބުންޏެވެނެ.
އަމިއްލަ ފަރުދުންނަށް އާންމުދަނީ ލިބުމާއި، ޓެކްނޮލޮޖީއަށް އަހުލުވެރިވުން
ކޮވިޑުގެ ދުވަސްވަރުގެ ތެރޭގައި ގިނަ އާންމު ރައްޔިތުން އަމިއްލައަށް އޮންލައިކޮށް ލޭންގުއޭޖް ކޯސްތަކާއި، ކޭކު އަޅާ ކޯސްތަކުގެ އިތުރުން ފަހަން ދަސްކޮށްދޭ ކޯސްތަކާއި ޅެން ކުލާސްތައްވެސް ހިންގިއެވެ. ބައެއް ފަރާތްތަކުން ގޭގައި ތިބެގެން އުފެއްދުންތެރި ކުދި ވިޔަފާރިތައް ކުރަންފެށިއެވެ.
"އަސްލު ކުރީގަވެސް ކްލާސްތައް މީހުންނަށް ނަގައިދޭން ބޭނުންވޭ! ދެން އެކަމަކު ގެއަކު ނެތް ޖާގައެއް، މީހުން ގެނެސްގެން ކުލާސްތައް ނަގައިދޭކަށެއް. އަނެއްކޮޅުން ތަނަކަށް ދިއުންވެސް އެއީ އުނދަގޫކަމެއް. ދެން އޭރު އޮންލައިންކޮށް ނެގިޔަސް މީހުންނެއް ބައިވެރިއެއް ނުވާނެ، ފިޒިކަލް ކްލާސްތައް އޮންނާތީ. އެހެންވެ މިހާރު ދެން އޮންލައިންކޮށް ކުރިއަށް ގެންގޮސް ވަރަށް ތަރުހީބުވެސް ލިބޭ އާމްދަނީވެސް ރަނގަޅު." ބަހުގެ ކުލާސްތަކެއް ހިންގާ ފަރާތެއް ކިޔައިދިނެވެ.
އޮންލައިންކޮށް ބޭއްވި ސުޕްރީމް ކޯޓުގެ ފުރަތަމަ ޝަރީއަތުގެ ސްކްރީން ޝޮޓެއް ---
އާ ކަންކަން ދަސްކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފުރުސަތު ލިބުމުގެ އިތުރުން، ވަޒީފާއެއްނެތި ގޭގައި ތިބި ފަރާތްތަކަށްވެސް އަމިއްލަ މަސައްކަތެއް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދުމުގެ މަގު ފަހިވެގެން ދިިޔައީ ކޮވިޑުގެ ސަބަބުންނެވެ.
"ޒޫމް" އާއި "މީޓް" ފަދަ އެޕްތައް ބޭނުންކުރުމަށް އަހުލުވެރިވެ ރާއްޖޭގެ ބޮޑު އާބާދީއެއް ޓެކްނޮލޮޖީއަށް ލޯހުޅުވިގެން ދިޔަ ސަބަބަކީވެސް ހަަމަ ކޮވިޑެވެ. ދުވަހަކު ކީބޯޑެއްގައި އަތްނުލާ މުސްކުޅިންނާއި އޮންލައިން ޕްލެޓްފޯމުތައް ބޭނުންކުރަން ނޭނގޭ ޓީޒަރުންވެސް އެތަކެއްޗަށް އަހުލުވެރިވެ މުޅި ނިޒާމު ޑިޖިޓަލައިޒްވުން ވެގެން ދިޔައީ އާ ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަކަށެވެ. ޓީޒަރުންނާއި ދަރިވަރުންގެ ހުނަރު އިތުރުވެގެންދިޔަ ކަމަކަށެވެ.
ސިއްހީ ނިޒާމު
ކޮވިޑް 19 އަހަރެމެންނާ ކުރިމަތިލީ އިރު ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ހީނަރުވެ ބަލިކަށިވެފައެވެ. ރާއްޖޭގެ ގިނަ ރަށްށަރުގައި އެކަށީގެންވާ ސިއްހީ ނިޒާމު ނެތް އިރު، ވެރިރަށް މާލޭގައިވެސް މިހާރު ލިބެންހުރި ގިނަ ވަސީލަތްތައް އޭރަކު ނެތެވެ.
ނަމަވެސް ކޮވިޑް 19 އާ އެކު ރާއްޖޭގެ ގިނަ ރަށްރަށުގައިވެސް ލެބްތައް ގާއިމުކުރެވުނެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާއިރު 15 ސީ އެމްބިއުލާންސްވެސް ހޯދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދޭ ވެންޓިލޭޓަރުތައް ވެސް ކުރިއަށްވުރެ އިތުރުވެފައި ވާއިރު، މާލޭ ސަރަހައްދުގައި ޕްރައިމަރީ ހެލްތު ކެއާއަށްވެސް ހާއްސަ ހިދުމަތެއް މިހާރު ވަނީ ގާއިމުކޮށްފައެވެ.
އެއްވެސް ހާލެއްގައި މި ދަންނަވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ނިޒާމު މާލެއެކޭ އެއްވަރަށް ތަނަވަސްވި ވާހަކައެއް ނޫނެވެ. އަދިވެސް ގިނަ ރަށްރަށުގައި ދަތިތައް އެބަ ހުއްޓެވެ. އުދަނގޫތައް އެބަހުއްޓެވެ. ނަމަވެސް ސުވާލަކީ ސިއްހީ ދާއިރާއަށް މިހާރު އައިސްފައިވާ ކުރިއެރުންތައް ކޮވިޑް ނައި ނަމަ އަޅުގަނޑުމެންނަށް ލިބުނީސް ހެއްޔެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެހާބޮޑު ކުރިއެރުމެއް ސިއްހީ ނިޒާމަށް އަތުވެދާނެތޯއެވެ؟
ސެޕްޓެމްބަރ 4، 2019: ދަރުމަވަންތަ ކޮމްޕްލެކްސްގައި އެސްޓީއޯއިން އަލަށް ހުޅުވި ބޭސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮންމެއަކަސް ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ނޭދެވޭ އެތައް އަސަރެއް ކުރި ކަމީ ދެބަސް ވެވެން ނެތް ހަގީގަތެވެ. ގިނަ ބަޔެއްގެ އާއިލާއާއި އެކުވެރިން މި ދުނިޔެ ދޫކޮށް ގޮސްފައި ވުމަކީ ފޫނުބެއްދޭ ހުސްކަމެއް އެމީހުންގެ ހަޔާތަށް އައުމެވެ. ލޮލުން ފޭބި ކަރުނަތައް އަނބުރާ އިޔާދައެއް ނުކުރެވޭނެއެވެ. ހިތަށް ލިބުނު ފަޅުކަން ފޫބައްދަން ދަތިވާނެއެވެ. އެހެންނަމަވެސް "ކޮންމެ ކަމެއްގައިވެސް ހެވެއް ވެއޭ" ބުނާ ބީދައިންނެވެ. ލުއިފަސޭހަތަކެއް ލިބިއްޖެއެވެ. ކުރިއެރުންތަކެއްް ލިބިއްޖެއެވެ. އެތައް ބައެއްގެ ލޯހުޅުވިއްޖެއެވެ. އިބުރަތްތަކެއް ލިބިއްޖެއެވެ.
ދުޢާ އަކީ މި ބަލިމަޑުކަމުން އަޅުގަނޑުމެން އެންމެން މިންޖުވުމެވެ. އާއިލާއާ ވަކިވި ފަރާތްތަކަށް ސުވަރުގެ މިންވަރު ކުރެއްވުމެވެ.