16 Feb 2012, 11:00
ދިވެހި ސިފައިންގެ އެއްބައިވަންތަކަމާއި އެކުވެރިކަމާއި ސިފައިންގެ ތެރޭގައި އޮންނަ ބަދަހި ގުޅުން ދައްކުވައިދިނުމުގެ ގޮތުން ސިފައިން މާލެތެރޭގައި އެއްބައިވަންތަކަމާ އެކު މިއަދު ހެނދުނު ހިނގާލައިފި އެވެ.
މިއަދު ހެނދުނު ހައެއްޖެހި އިރު ޖުމުހޫރީމައިދާނުން ފެށިގެން މާލެ ވަށައި ކުރިއަށް ދިޔަ ހިނގާލުމުގައި
ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެ އެވެ. މިހިނގާލުމުގެ ބައިވެރިވި ގިނަ އަދަދެއްގެ ސިފައިން ޤައުމީ ޝުއޫރު ފާޅުކޮށް ޤައުމީ ލަވަ ހަރުއަޑުން ކިޔަމުން ދިޔައިރު ސިފައިން ތިބީ ޤައުމީ ދިދައާއި އަސްކަރިއްޔާގެ ބާރުތައް ތަމްސީލުކޮށްދޭ ދިދަތައް ހިފައިގެންނެވެ.
ހިނގާލުން ފެށީ ޖުމްހޫރީ މައިދާނުގައި ތިބެ ސިފައިންގެ ހުވާ ހަރުއަޑުން ކިޔުމާ އެކު އެވެ. އަދި ހިނގާލުން ނިންމާލުމަށް ފަހު ޖުމްހޫރީ މައިދާނުގައި ސިފައިން ވަނީ އެމީހުންގެ އަޒުމްވެސް އާކޮށްފަ އެވެ.
އަސްކަރިއްޔާ އިން މިއަދު ބުނީ ދިވެހި ސިފައިންގެ ހިނގާލުމުގެ މަގުސަދަކީ ދިވެހި ސިފައިންގެ ވާޖިބު އަދާކުރުމުގައި ތެދުވެރި އަމާނާތްތެރި އަދި އިޚްލާސްތެރި ބައެއްކަން އަންގައިދީ އަދި ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދަޢުލަތާއި ރައްޔިތުން ސަލާމަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ދިވެހި ސިފައިން ފަސް ނުޖެހޭނެ ކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދިނުން ކަމަށެވެ.