30 Jun 2021, 07:01
ކާމިޔާބު ފްރެންޗައިޒް ކްރިޝްގެ ހަތަރު ވަނަ ބައި އިއުލާންކޮށްފި އެވެ.
"ކްރިޝް" އަށް 15 އަހަރު ފުރުން ފާހަގަކުރަމުން ފިލްމުގެ ލީޑު އެކްޓަރު ރިތިކް ރޯޝަން ޓްވިޓާގައި ހިއްސާކުރި ވީޑިއޯގައި ބުނީ ކުރިއަށް އޮތްތަނުގައި ވާނެ ގޮތް ބެލުމަށް ތައްޔާރުވުމަށެވެ. އެ ވީޑިއޯގެ ހޭޝްޓެގަކަށް ބޭނުންކޮށްފައި ވަނީ ކްރިޝް 4 އެވެ.
މި ފިލްމުގެ އަންހެން ބަތަލާއަކަށް ކްރިތީ ސެނަން ހަމަޖެއްސިކަން ކުރިން ޚަބަރުތައް ބުނި ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި އަންހެން ބަތަލާގެ ރޯލު ކުޅޭނީ ކިއާރާ އަދުވާނީ ކަމަށެވެ. މި ފިލްމަށް ކިއާރާ ހަމަޖައްސައިފި ނަމަ މި ފިލްމުވެގެންދަަނީ ކިއާރާ އާ ރިތިކް އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމަަށެވެ.
މި ފިލްމަކީ ބޮލީވުޑްގެ ސުޕަހީރޯ، ސައިންސް ފިކްޝަންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. ކްރިޝްގެ ސީރީޒްތަކަށް ބެލުންތެރިންގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ. އެންމެ ފަހުން ކްރިޝްގެ ފިލްމެއް އާންމުންނާ ހަމައަށް އައީ 2013 ވަނަ އަހަރުގަ އެވެ.