16 Feb 2012, 08:08
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނައިބު ކަމަށް އައްޔަންކުރުމަށް އިއްޔެ ހަމަޖެއްސެވި މުހައްމަދު ވަހީދުއްދީން (ޑީން ) އަށް އެމްޑީޕީ އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި އެމްޑީޕީ އިން ރޭ ބޭއްވި ޖަލްސާގައި ޑރ. ވަހީދުގެ ނައިބު ކަން ގަބޫލު ނުކުރެއްވުމަށް ވަހީދުއްދީނަށް އެމްޑީޕީން ވަނީ ގޮވާލައިފައިވެ އެވެ. އަދި ވެރިކަން ވައްޓާލުމަށް ވަހީދުއްދީން މަސައްކަތް ކުރެއްވި ކަމަށް އެމްޑީޕީ މެންބަރުން ވަނީ ތުހުމަތު ކޮށްފަ އެވެ.
ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ވިދާޅުވީ ސަރުކާރު ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގި "ބަޣާވާތުގައި" ވަހީދުއްދީން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމުގައި ވަހީދުއްދީންގެ ހިއްސާއެއްވާ ކަމަށް ހަސަން ލަތީފް ތުހުމަތު ކުރެއްވި އެވެ.
މަލޭ ސިޓީގެ އެމްޑީޕީގެ މެންބަރު ސަރަނގު އާދަމް މަނިކު ވިދާޅުވީ ޖަލުގައި މަރާލި ކަމަށް ބުނާ އިވާން ނަސީމްގެ މައްސަލަ ފެންމަތިވުމުން ވަހީދުއްދީން ހިއުމަންރައިޓް ކޮމިޝަނުގައި ހުންނެވުމަށް ފަހު އޭރުގެ ސަރުކާރަށް ބަދަލުވީ ވެސް ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ.
އަދި މި ފަހަރު ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ގަބޫލު ކުރެއްވީ ފުލުހުންނާއި ސިފައިންގެ ފަރާތުން އަނިޔާތަކެއް އާންމުންގެ ބަޔަކަށް ލިބުމާ އެކު އިދިކޮޅު ބައެއް ފަރާތްތަކުން ދިން ފައިސާތަކަށް ހެއްލިގެން ކަމަށް އާދަމް މަނިކު ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު ދަންނަވާނީ ހަމަ ގަނެލީ އޭ." އޭނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ ތިމަރަފުށީ ދާއިރާ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ޑރ. ވަހީދުގެ ނައިބުކަން ގަބޫލު ނުކުރެއްވުމަށް ވަހީދުއްދީނަށް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ. އަދި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ބޭއްވިޔަ ނުދޭނެ ކަމަށް ވެސް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ވަހީދުއްދީން އައްޔަން ކުރުމަށް ނިންމައި ރައްޔިތުންގެ މަޖިލީހަށް ރުހުން ދިނުމަށް ފެނޭތޯ ބެލުމަށް ނަން ފޮނުއްވާނެ ކަން ޑރ. ވަހީދު އިއްޔެ ވަނީ މީޑިޔާގައި ހާމަ ކުރައްވައިފަ އެވެ.