29 Jun 2021, 16:32
ކާފިއު ނޫން ވަގުތުތަކުގައި މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތަކުން ޑައިން އިންގެ ހިދުމަތް ދިނުމަށް ސަރުކާރުން ހުއްދަ ދީފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކާފިއު ނޫން ވަގުތުތަކުގައި މާލޭ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓު ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދޭން ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މީގެ ކުރިން ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މާލޭ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓުތަކަށް ހަމައެކަނި ދެވޭ ގޮތަށް އޮތީ ޓޭކްއަވޭއާއި ޑެލިވެރީގެ ހިދުމަތެވެ. އޭރު އޮތް ގޮތުން ހެނދުނު އަށަކުން ހަވީރު ހަޔަކަށް ޓޭކްއަވޭގެ ހިދުމަތް ދެވޭއިރު ހަޔަކުން ފެށިގެން ރޭގަނޑު 12 އަށް ދެވެނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތެވެ.
ނަމަވެސް މާލޭ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް ދަށްވަމުން ދިއުމާއެކު ސަރުކާރުން މިއަދު އިއުލާނުކުރި ލުއިތަކާއެކު ޖުލައި އެކަކުން ފެށިގެން ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ކުރުކޮށް، ކާފިއު ނޫން ވަގުތުތަކުގައިވެސް ފާހަކާ ނުލައި ބޭރުގައި އުޅެވޭގޮތް ހަދާފައެވެ.
މިއާއެކު ކާފިއު ވަގުތު ފިޔަވާ ހުރިހާ ވަގުތުތަކެއްގައި މާލޭ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓުތައް ހުޅުވައިގެން ޑައިން އިންގެ ހިދުމަތް ދެވޭނެއެވެ.
ކެފޭ ރެސްޓޯރެންޓުތައް ހުޅުވުމަށް ސަރުކާރުން މިއަދު ހުއްދަ ދީފައި މިވަނީ، ކޮވިޑާ ގުޅިގެން އޭރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ ރެސްޓޯރެންޓުތަކަށް މާލީ ބޮޑެތި ގެއްލުންތައް ވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އިއްޔެ އިހްތިޖާޖު ކޮށްފައި ވަނިކޮށެވެ.