ޖުލައި 1 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތް ހަދަން ސަރުކާރުން ހުއްދަ ދީފިއެވެ.

ކޮވިޑް އިން ރައްކާތެރި ވުމަށްޓަކައި މާލެ ސަރަހައްދުގައި އެޅިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިސްކިތް ތަކުގައި ގައިދުރުކޮށް ޖަމާޢަތް ހަދައިގެން ނަމާދު ކުރުމަށް ހުއްދަ ދިން ކަން އިއުލާނުކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ހަފްތާ ތެރޭގައި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

މިދިޔަ އޭޕްރިލް އަދި މޭ މަހު މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން މޭ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތައް ބަންދުކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް އޭގެ ފަހުން ބައެއް މިސްކިތްތަކުގައި ވަކި ވަކިން ނަމާދުކުރެވޭނެކަމަށް ނިންމައިފަ އެވެ.