16 Feb 2012, 08:49
ޕޮލިސް ސްޓޭޝަންތަކާއި ބައެއް އަތޮޅުތަކުގައި ހުރި ފުލުހުންގެ މަރުކަޒުތަކާއި ޝަރުއީ ކޯޓުތަކަށް ގެއްލުންދިން މައްސަލައިގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ މީހަކު މާލޭގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
ނަމަވެސް ހައްޔަރު ކުރި މީހާއާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން އާންމެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި މަހުގެ އަށް ވަނަ ދުވަހުގެ ހާދިސާ އާ ގުޅިގެން ފުލުހުންގެ ތަހުޤީޤަށް ހޯދުމަށް ބޭނުންވާ ބައެއް މީހުން، އެމީހުން އުޅޭ ތަން ދޫކޮށް މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ފިލައިގެންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ.
އަދި އެ ހާދިސާ ހިންގުމަށް ފަހު ފިލައިގެން އުޅޭ މީހުން ހޯދުމަށް މާލެ އާއި އަތޮޅުތެރޭގައި ފުލުހުން މިހާރު ގެންދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ތަންތަނުގައި ހުޅުޖަހައި ތަންތަން ހަލާކު ކުރުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުންނާ ބެހޭ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކުން އެމަޢުލޫމާތު ފުލުހުންނަށް ފޯރުކޮށްދީ ފުލުހުންގެ ތަހުޤީޤަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހުޅުޖަހައި ރޯކޮށް ހަލާކު ކުރުމުގެ ސަބަބުން 19 ޕޮލިސް ސްޓޭޝަނެއްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.