14:30


އަލުން އެކުލަވާލި ކެބިނެޓް މެމްބަރުންގެ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ މިއަދަކީ ކެބިނެޓްގެ ދުވަސް ކަމަށް ވާތީ ކެބިނެޓް ޖަލްސާތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަދަކީ އިސްތިއުފާ ދެއްވި ކެބިނެޓް އަލުން ހުވާކުރެއްވިތާ ހަތް ވަނަ ދުވަސް ކަމަށް ވާތީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހަށް އަލުން އެކުލަވާލި ކެބިނެޓްގެ ނަންތައް މިއަދުގެ ވަގުތެއްގައި މަޖިލިހަށް ފޮނުއްވާނެ ކަމަށް. އެހެން ނަމަވެސް ނަންތައް ފޮނުވާނީ ކޮން އިރަކުން ކަމެއް ޒުހެއިރު ވިދާޅެއްނުވެ އެވެ.


އަލުން އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރުހުން ނުދެއްވައިފިނަމަ ދެން ކިހިނެތްތޯ ހަދާނީ ސުވާލު ކުރެއްވުމުން ޒުހެއިރު ވިދާޅުވީ އެ ސުވާލު ސަރުކާރަށް ކުރިމަތިނުވާ ކަމަށެވެ. އަދި އެބޭފުޅުނަށް ރުހުން ނުދެއްވިފަނަމަ ދެން ކަންތައް ކުރައްވާނެ ގޮތެއް ސަރުކާރަށް އެނގޭނީ އެކަން ދިމާވުމުން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ޒުހެއިރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންގެ މަޖިލީހުގެ ބޭފުޅެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެންގެވުމުގެ އިޖްރާތެއް އޮންނަ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ބޭފުޅަކު ގާނޫނާ ޚިލާފްވެ ވަޑައިގަންނަވާ ކަމަށް މަޖިލީހުގެ މެމްބަރުންނަށް ފެނިލައްވައިފިނަމަ އެގޮތަށް ވޯޓަށް ގެންދިއުމަށް އިޖްރާތުގައި އޮންނަ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަށް ވަޒީރުންގެ މަޖިލީހުގެ ބޭފުޅެއްގެ ނަންފުޅު ރުހުން ހޯއްދަވަން ހުށަހަޅުއްވާތަނުން އިތުބާރު ނެތް ކަމުގެ ވޯޓެއް ދެއްވުމަކީ ގާނޫނު އަސާސީގެ ރޫހާ ޚިލާފް ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ޒުހެއިރު އިތުރަށް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވަނީ ވަރަށް އިތުބާރާ އެކު ކަމަށެވެ.