29 Jun 2021, 19:12
ދެކުނުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.
މިމަހުގެ 24 ވަނަ ދުވަހު ރިޕޯޓްކުރި މި މައްސަލައައާ ގުޅިގެން ޖެހިގެން އައި ދުވަހު ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ޏ. އަދި ސ. އަތޮޅު ހިމެނޭ ގޮތަށް ދެކުނު ޕޮލިސް ޑިވިޝަނުން ތަހުގީގުކުރަމުންދާ އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ފުލުހުން ބުނީ އެމީހާ މިމަހުގެ 27 ވަނަ ދުވަހު މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވި ކުއްޖާއަށް އިތުރަށް ލިބިދާނެ ގެއްލުމަކަށްޓަކައި އަދި ކުދިންގެ ހައްގުތަކާއި، ކަރާމާތައް އުނިކަމެއް އައިސްދާނެތީ ފުލުހުން އެފަދަ މައްސަލަތަކުގެ މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ.