ދިއްލީ (ޖޫން 29): ގޯސްކޮށް ކުރަހާފައިވާ އިންޑިއާގެ ޗާޓެއް ޓުވިޓާއިން އާއްމު ކުރި ކަމަށް ބުނެ އެގައުމުގެ ހިންދޫ ވަތަނީ ޖަމާއަތަކުން އެ ކުންފުންޏާ ދެކޮޅަށް ފުލުހުންނަށް ޝަކުވާ ހުށަހަޅައިފި އެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ފުލުހުންނަށް މައްސަލަ ހުށަހެޅި ބަޖުރަންގް ދާލްއިން ބުނި ގޮތުގައި ޓުވިޓާގެ 'ކެރިޔާސް ޕޭޖު'ގައި ބޭނުންކޮށްފައި ހުރި އެގައުމުގެ ޗާޓުން ދައްކަނީ ޖައްމޫ އެންޑް ކަޝްމީރާއި ލަދާކް އެގައުމަށް ނިސްބަތް ނުވާ ކަމަށެވެ. އަދި އެއީ އިންޑިއާގެ ތަފާތު މީހުންގެ މެދުގައި ނަފްރަތު އުފެއްދުން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގާނޫނާ ހިލާފުވުން ކަމަށެވެ.

ބަޖުރަންގް ދާލްއިން އެ މައްސަލަ ހުށަހަޅާފައި ވަނީ އިންޑިއާގައި ހުންނަ ޓުވިޓާގެ ވެރިޔާ މަނީޝް މަހޭޝްވަރީއާ ދެކޮޅަށެވެ.

އެ މައްސަލައާ ގުޅިގެން ޓުވިޓާއިން އަދި އެއްޗެކޭ ބުނެފައި ނުވެ އެވެ. ނަމަވެސް ގޯސް ކަމަށް ބުނާ އިންޑިއާގެ ޗާޓު މިހާރު ވަނީ ވެބްސައިޓުން ނަގާފަ އެވެ.

އިންޑިއާއިން މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރި އައިޓީ ގާނޫނުގައި ވަނީ އެގައުމުގެ ޖުޑިޝަރީން ނުވަތަ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އަންގާ ގޮތަކަށް، ސޯޝަލް މީޑިއާއިން ޕޯސްޓުތައް ނަގާނެ ތިން މުވައްޒަފަކު ކޮންމެ ސޯޝަލް މީޑިއާ ކުންފުންޏަކުންވެސް އައްޔަން ކުރަން ޖެހޭނެ ކަމަށް ކަނޑައަޅާފަ އެވެ. އަދި ސަރުކާރުން ނުވަތަ ކޯޓުތަކުން އަންގައިފި ނަމަ، އެފަދަ ޕޯސްޓުތައް އާއްމު ކުރާ ވަކި ވަކި މީހުން ހޯދަންވެސް ކުންފުނިތަކަށް އަމުރު ކުރެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

އައިޓީ ގާނޫނަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ އިންޑިއާގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން އެ ތުހުމަތު ދޮގު ކުރެ އެވެ.