އޭރު ފުލުހުންގެ ސްޓޭޝަނެއް ނެތެވެ. ކައުންސިލް އިދާރާއެއް ކޯޓެއްވެސް ނުހުރެ އެވެ. ހުރިހާ ކަމަކަށް ވެސް ހުންނަނީ ރަށްވެހިގެ އެވެ. ހަވަރު ތިނަދޫގެ ރައްޔިތުންގެ ހުރިހާ މައްސަލަ އެއްގެ ހައްލު ހޯދައިދޭނީ ރަށްވެހިގެއިން ނެވެ. އޭރުގެ ސަރުކާރާ ދެކޮޅަށް ތިނަދޫ ރައްޔިތުން ހިންގި ބަޣާވާތާ ގުޅިގެން އަދަބެއްގެ ގޮތުން 1962 ފެބްރުއަރީ 4 ގައި ތިނަދޫ ފަޅު ކުރި އެވެ. އޭރު ތިނަދޫގެ އާބާދީ އުޅެނީ 2،000 ގަ އެވެ. އޭރު ވެސް ރައްޔިތުން ޝަކުވާ ކުރަންދާނެ ތަނަކަށް ހުރީ ރަށްވެހިގެ އެކަންޏެވެ.

ތިނަދޫ މީހުން އެރަށުން ބޭލިތާ މިމަހު 50 އަހަރު ފުރުނުއިރު، އާބާދީގައި ހަތް ހާހަށްވުރެ ގިނަ މީހުން އޮންނަ ތިނަދޫ މީހުން ބުނަމުންދަނީ މިއަދު އެމީހުން އަނެއްކާވެސް ތިބީ 50 އަހަރު ފަހަތުގައި ކަމަށެވެ.

"މިރަށުގައި ހުރި ޕޮލިސް ސްޓޭޝަނުގައި ފެންނަހުރީ ހަތަރު ފާރާ ފުރާޅު އެކަނި. ރަށު ކޯޓާއި އަތޮޅު ކައުންސިލު ވެސް ހުރީ އެހާލުގައި،" ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެރަށު ރައްޔިތުންގެ މިއަދު އެންމެ ބޮޑު ޝަކުވާ އަކީ ކުރިއާ ޚިލާފަށް ކުށްކުރުން އިތުރުވެފައިއޮތް ތިނަދޫގައި ތިބި ފުލުހުންގެ ސްޓޭޝަންގައި އެރަށު ބަޔަކު ހުޅުޖެހި ހިސާބުން ފެށިގެން ގޮޅިތަކުން ދޫވި ބޮޑެތި ކުށްވެރިންގެ ސަބަބުން އަމާންކަން ގެއްލިފައި އޮތް މައްސަލަ ހުށަހާޅާނެ ފަރާތެއް ނެތުމެވެ. ފިހާރައިގެ މުދާކޮޅު އިރުއަރާއިރު ވަގުން ގޮސް އެހެން ބަޔަކަށް ވިއްކާލާފައި ހުންނަ މައްސަލަ ޖައްސަންދާނެ ފުލުހުންގެ ސްޓޭޝަނެއް ނެތް ކަމެވެ. މައްސަލައިގެ ވާހަކަ ހިއްސާކުރާނެ އަތޮޅު ކައުންސިލް ނެތް ވާހަކަ އެވެ. ދައުވާ ކުރަން ހުރި ކޯޓު އަޅިއަށްވި ވާހަކަ އެވެ.
މިހުރިހާ ޝާކުވާ ތަކެއް ރައްޔިތުންގެ ތެރެއިން ބަޔަކު ކުރާއިރު ވަކި ސިޔާސީ ފިކުރެއްގައި ތިބި މީހުންނަށާއި ތަންތަނުގައި ހުޅުޖެހި މީހުންނަށް ރަށުތެރޭ ކަމެއްވާހެން ވެސް ހީނުވާ ކަމަށް ތިނަދޫ ބައެއް މީހުން ދަނީ ބުނަމުންނެވެ.

ބައެއް މީހުން ބުނާ ގޮތުން ނަމަ ފެބުރުއަރީ 8 ވަނަ ދުވަހު އެރަށު ތެރެއިން ފެނުނީ މީގެ 50 އަހަރު ކުރިން އެރަށުން މީހުން ބޭލިއިރު ހުޅުޖަހާ ތަންތަން ރޯކުރަމުންދިޔަ ފަދަ މަންޒަރެކެވެ.

"ޕޮލިސް ސްޓޭޝަންތަކާ ކޯޓުތަކުގައި ރޯކޮށްލި އިރު ވެސް އެކަކު ވެސް ނޫޅެ އަލިފާންގަނޑު ނިއްވާލާކަށް. ހުރިހާ ތަނެއް އަޅިޔައްވިއިރު ވެސް ކައިރި ނުވެ އެންމެން ތިބީ މަންޒަރު ބަލަން،" މުހައްމަދުގެ ނަމުގައި އެގެން ބޭނުންވާ މީހަކު ބުންޏެވެ.

މުހައްމަދު ބުނީ ފުލުހުން ބޭނުން ކުރަމުންދިޔަ ކަރުނަ ގޭހާއި މުގުރި ބުރިތައް ހުރީ ގޮޅިތަކުން ދޫކުރި ކުށްވެރިންގެ އަތުގައި ކަމަށެވެ. އަދި ރައްޔިތުންގެ ތެރޭ ބިރުވެރިކަން އުފެދިފައިވާއިރު އިތުރަށް އެވާހަކަ ދައްކަން ވެސް މީހުން ބިރުގަންނަ ކަމަށެވެ.

ތިނަދޫ ރައްޔިތުން ބުނާ ގޮތުންނަމަ ފެބްރުއަރީ 8 ގެ ހުޅުގެ އަސަރު ވިޔަފާރި ވެރިންގެ ވިޔަފާރިތަކަށް ވެސް ކޮށްފައިވާ ކަމަށެވެ.

ތިނަދޫ ވިޔަފާރިވެރިއަކު ބުނީ އިރުއަރާއިރު ފިހާރައިގެ މުދާކޮޅު ސަލާމަތުން ހުންނާނެ ކަމާ ދޭތެރޭ ވެސް އެއްވެސް ޔަގީންކަމެއް ނެތްއިރު، ކުރިން ވިޔަފާރިން ލިބެމުންދިޔަ ނަފާ ވަރަށް ބޮޑަށް މިހާރު ދަށްވެގެން ގޮސްފައިވާ ކަމަށެވެ.
ތިނަދޫގެ އަތޮޅު ކައުންސިލާއި ކޯޓުގެ ބޭނުމެއް ނުހިފޭއިރު އެތަން ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތައް ނުކުންނާނެ ތަނެއް ވެސް މިއަދު ނެތެވެ.

ހުވަދު އަތޮޅު ކައުންސިލް އިދާރާގެ ރައީސް މުހައްމަދު ނިޒާމް ވިދާޅުވީ ތަންތަނުގައި ރޯކޮށް ހެދީ ތިނަދޫގެ މަދު ބަޔަކު ނުކުމެ ކަމަށާއި އެހާދިސާގައި ހަމައެކަނި އެ އަތޮޅު ކައުންސިލް އިދާރާއަށް ވެސް 17 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

"އެކަމާ އިދިކޮޅު އެތައް ރައްޔިތުންނެއް އެދުވަހު ތިބި. އެކަމަކު ދުވަހުގެ ހާލަތު ހުރިގޮތުން އެއްވެސް ރައްޔިތަކަށް އެކަން ކޮންޓްރޯލް ކުރާކަށް ނުކުންނާކަށް ނުކެރުނު. އެވަގުތު ކުށްވެރިން ނުކުމެ ތިބީ ފުލުހުންގެ އާލާތްތައް ހިފައިގެން،" ކައުންސިލްގެ ރައީސް ނިޒާމް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ ތިނަދޫ ފަހަތަށް ޖައްސާލުމުގެ އެއްވެސް ވިސްނުމެއް އަތޮޅު ކައުންސިލްގެ ނެތް ކަމަށާއި ތިނަދޫ ރައްޔިތުން ބޭނުންވާ ފަދަ ވެއްޓެއް އަވަސް މުސްތަގުބަލެއްގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ.
ކައުންސިލްގެ ވާހަކަ މިގޮތަށް ހުރިއިރު ތިނަދޫގެ ރައްޔިތުން ބުނަމުންދަނީ 50 އަހަރު ފަހަތަށް ޖެހި ރޫހު ގެއްލިފައި ތިބެން އެމީހުން ވެސް ބޭނުންނުވާ ކަމަށެވެ.