29 Jun 2021, 12:24
މި ހަފްތާ ނިމުމާ ހަމައަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު ޖުލައި މަހުގެ ތިންވަނަ ދުވަހާ ހަމައަށް އިތުރު ކުރެވިފައި ވާ ކަމަށެވެ.
ރައީސް އޮފީހުން ނެެރުނު ދެންނެވުމެއްގައި ބުނީ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުުމަތްތަކެއް އޮންލައިންކޮށް ދެމުން ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެެ.
އަދި ސަރުކާރުގެ އިދާރާތަކުންދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެ ނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި އެޗްޕީއޭ އިން އަންގާ އެންގުންތަކަށް ހުހިހާ މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.
އެ ދެންނެވުމުގައި ބުނީ މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫން ކަމަށެވެ.