29 Jun 2021, 12:37
މި ހަފްތާތެ ތެރޭގައި މާލޭ ސަރަހައްދުގެ މިސްކިތްތަކުގަ ޖަމާއަތުގައި ނަމާދުކުރަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް އިތުރުރުވުމާއި ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން މުރާޖައާކުރަން މަޝްވަރާކުރަމުންދާކަން އިސްލާމިކް މިނިސްޓްރީން ހާމަކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މިނިސްޓަރު ޒާހިރު މިއަދު "ސަން" އަށް ވިދާޅުވީ އަންނަ ބުދަ ބުރާސްފަތި ހިސާބުގައި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ފެށޭވަރު ވޭތޯ މި ބަލަނީ. އަދި ތަންކޮޅެއް ފަހުން ކޮންފާމް ކޮށްލެވޭނީ. މި ހަފްތާ ތެރޭގަ އިރާދަ ކުރެއްވިއްޔާ ފެށޭނެ. އެގޮތަށް މަސައްކަތް މި ކުރަނީ. އެހެންކަމުން ބުދަ ބުރާސްފަތި ހިސާބުގައި ފެށޭނެ." ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
މިދިޔަ އޭޕްރިލް އަދި މޭ މަހު މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން މޭ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތައް ބަންދުކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް އޭގެ ފަހުން ބައެއް މިސްކިތްތަކުގައި ވަކި ވަކިން ނަމާދުކުރެވޭނެކަމަށް ނިންމައިފަ އެވެ.
މިހާރު ކޭސްތައް ކޮންމެވެސް ވަރަކަށް ދަށްވަން ފެށުމާއެކު ސަރުކާރުން ވަނީ ކޮވިޑުގެ ފިޔަވަޅުތަކަށްވެސް މަދުމަޑުން ލުއިދޭން ފަށާފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ކާފިއު ވަގުތު ކުރުކޮށް ބައެއް ވަގުތުތަކުގައި ކަސްރަތު ކުރަންވެސް ހުއްދަދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި ހަފްތާގެ ތެރޭގައި އިތުރު ލުއިތައް އިއުލާނެކަމަށް ވަނީ ބުނެފައެވެ.