16 Feb 2012, 03:51
ވަޅި ޖެހުމާއި ފޭރުމާއި މާރާމާރީގެ ހާއްޔެއްގެ ގޮތުގައި ކުރިން ސިފަކުރަނީ ވެރިރަށް މާލެ އެވެ. އަދި ކުށްވެރިން ދޫވެ ބިރުވެރި ހާލަތެއްގައި އޮތް ތަނެއްގައި ގޮތުގައި ސިފަ ކުރަމުންދިޔައީ ވެސް ވެރިރަށް މާލެ އެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި ވެސް މުޅި ގައުމު ދުށް އެންމެ ކަޅު ދުވަހުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހުޅުޖެހުމާ ހިސާބަށް ގިނަ ރަށްތަކުގެ ކޮންޓްރޯލު ނަގަމުންދިޔައީ ފުލުހުންނެވެ.
އަދި އެދުވަހު ފުލުހުންނާ ކުރިމަތިލުމަށް ނުކުތް ބަޔަކު، ފުލުހުންގެ ފާރު ފުނޑާލައި ފުލުސް ސްޓޭޝަންތަކުގެ އޮޅިގަނޑު ގިރާކުރި ހިސާބުން ފެށިގެން ފުލުސް ސްޓޭޝަންތަކުގެ ކޮންޓްރޯލު ފުލުހުންގެ އަތުން ދިޔަ އެވެ. ލޯ ކުރިމަތީގައި ސްޓޭޝަންތައް އަނދާ އަޅިއަށްވެގެން ދިޔަ ވަގުތު ފުލުހުންގެ ހައްޔަރުގައި ތިބި އެތަށް ބޮޑެތި ކުށްވެރިންނެއް މަގުމައްޗަށް ވަނީ ދޫވެގެން ގޮސްފަ އެވެ. ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުން ދީފައި ހުރި ބަޔާންތައް ފެންނަނީ އަޅިއަށްވެފައިވަނިކޮށެވެ.
ގައުމުގެ އަމާންކަން ނެތްއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މަގުމައްޗަށް ދޫވެގެންދިޔަ ކުށްވެރިން އަލުން އަނބުރާ ޖަލުތަކަށް ވައްދާނީ ކިހިނެތްތޯ އެވެ. ފުލުހުންގެ ފަރާތުން ވެސް އަދި ވަނީ މި ސުވާލަށް ޖަވާބު ނުލިބިފަ އެވެ.
ނަމަވެސް ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވަނީ "ގޮޅި ތަކުން ނުކުތް މީހުން އަޅުގަނޑުމެން ހައްޔަރު ކުރާނަން. އެކަމަކު އަދި ވަކިގޮތެއް ނުނިންމަން،" ކަމަށެވެ.
މާރާމަރީ އާއި ވައްކަމުގެ ބޮޑެތި ތަފާތު ކުށްތަކުގެ ތުހުމަތުގައި ގޮޅި ތަކުގައި ތިބި މީހުން މަގުމައްޗަށް ނުކުތް ހިސާބުން ފެށިގެން ރަށްތަކުގެ އަމާންކަން ގެއްލި ބިރުވެރިކަން ފެތުރިފައިވާ ކަމަށް އެރަށްރަށުގެ ރައްޔިތުން ދަނީ ބުނަމުން ނެވެ.
ހުޅުޖަހާ އަޅިއަށް ހެދި ސްޓޭޝަންތަކުގެ ތެރޭ ހިމެނޭ ގދ. ތިނަދޫ ސްޓޭޝަންގެ ގޮޅި ތަކުގައި ތިބި ކުށްވެރިން ދޫކޮށްލި ހިސާބުން ފެށިގެން ރަށުތެރޭ "ވައްކަން އޮބި ނޯންނަ" ކަމަށް އެރަށު ރައްޔިތުން ދަނީ ބުނަމުންނެވެ. މީގެ ކުރިންވެސް ވައްކަން ކުރުން އިންތިހާ އިތުރުވެފައިވަނިކޮށް ފުލުހުން ނުކުމެ ބައެއް މީހުން ހައްޔަރުކޮށް އެކަން ތިނަދޫގައި ކޮންޓްރޯލުކޮށްފައި ވަނިކޮށް އަނެއްކާ ވެސް ކުށްވެރިން ގޮޅިތަކުން ނުކުމެ ފާޅުގައި މިހާރު ދަނީ ވައްކަން ކޮށް، މީހުންގެ މުދާ އެހެން މީހުންނަށް އަގުހެޔޮކޮށް ވިއްކާ، އެތަށް ވައްތަރެއްގެ ވިޔަފާރި އެއް ކުރަމުން ކަމަށް ތިނަދޫން ވާހަކަދެއްކި މީހަކު ނަންނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ. އަދި މިހާރު މައްސަލައެއް ހުށަހަޅާތަނެއް ނެތް އިރު ފުލުހުންގެ ސްޓޭޝަންގެ ތެރޭ ފެންނަން ހުރީ ހަމައެކަނި ހަތަރު ފާރާ ފުރާޅެއް އެކަނި ކަމަށް އެރަށު މީހުން ބުނެ އެވެ.
"މިހާރު ހީވަނީ އުނގު ވިޔަފާރި ކުރާބައެއް އެއްޗެހި ވިއްކަން އެއްބަޔަކު އުޅޭއިރު. އެކަކަށް ވެސް ނުކެރޭ އެއްޗެއް ބުނާކަށް. ޝަކުވާ ކުރާނެ ތަނެއް. މައްސަލަ ޖައްސާނީ ކޮންބައެއްގެ ގާތުގައި ކަމެއް ނޭންގޭ،" ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސްޓޭޝަންތައް ފަޅާލައި އެތަންތަނުގައި ފުލުހުން ބޭނުންކުރާ ކަރުނަގޭހާއި މުގުރު ބުރިތައް ހިފައިގެން ބޮޑެތި ކުށްވެރިންނެއް ރަށްރަށުގައި ފުލުހުންގެ ޔުނިފޯމުގައި އުޅެމުންދާއިރު، އަސްލާ ފޭކް އޮޅިފައިވާ ކަމަށް އައްޑޫ ސިޓީގެ ރައްޔިތުން ދަނީ ބުނަމުން ނެވެ.
އަދި އައްޑޫގެ ބައެއް ރައްޔިތުން ނުކުމެ ފުލުހުންގެ ސްޓޭޝަންތަކުގައި ރޯކުރި ހިސާބުން ފެށިގެން އައްޑުއާ މެދު ކުރަމުން އައި އުއްމީދުތައް ފެނަން ވެފައިވާ ކަމަށް އެރަށު ބައެއް ރައްޔިތުން ދަނީ ބުނަމުން ނެވެ.
މިވަގުތު ކުށްމަދު ކުރުމަށް ފުލުހުން މުޅި ރާއްޖޭގައި އޮޕަރޭޝަނެއް ފަށާފައިވާއިރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ސްޕޯކްސްޕާސަން ޢަލީ ރަޝީދު ވިދާޅުވީ ކުށްމަދު ކުރުމަށް ހިންގާ އޮޕަރޭޝަނުގައި ފުލުހުންގެ ޚިދުމަތް ހުއްޓިފައިވާ އަތޮޅުތަކާއި ރަށްރަށް ދޫނުކުރައްވާ ކަމަށެވެ.
ރައްޔިތުން ވެސް ބުނަމުންދަނީ އެމީހުންނަށް ފުލުހުންގެ އެހީ ބޭނުންވާ ކަމަށެވެ.