ދިމިޝްގު (ޖޫން 29): ސީރިއާއާއި އިރާގުގައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މަރުކަޒުތަކަށް މިދިޔަ އާދިއްތަ ދުވަހު އެމެރިކާގެ ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އެޖަމާއަތްތަކުން ސީރިއާގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީ, ދެފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

އެމެރިކާގެ އަސްކަރީ ތަރްޖަމާނެއް ކަމަށްވާ ކާނަލް ވޭން މަރޯޓޯ ވިދާޅުވިގޮތުގައި ސީރިއާގެ އިރު އުތުރުގެ ދީރުއްޒޫރުގެ ސަރަހައްދުގައި ތެޔޮވަޅެއްގެ ކައިރީގައިވާ އެމެރިކާ އަސްކަރީ މަރުކަޒަކަށް ހަނގުރާމަވެރިން އިއްޔެވަނީ ވަރުގަދަ ރޮކެޓް ޙަމަލާތަކެއްދީފައެވެ. މި ހަމަލާތައް އައިސްފައި މިވަނީ ސީރިއާސީރިއާއާއި އިރާގުގައިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މަރުކަޒުތަކަށް މިދިޔަ އާދިއްތަ ދުވަހު އެމެރިކާގެ ދިން ހަމަލާތަކަށްފަހުއެވެ. އެހެންކަމުން އެމެރިކާ ސިފައިންނަށް އަމާޒުވެފައި މިވަނީ ބަދަލު ހިފުމުގެ ހަމަލާތަކެެއްކަމަށްވަނީ ބެލެވިފައެވެ.

އިރާގުން އެމެރިކާ ސިފައިން ފައްސާލަން މަސައްކަތްކުރާ ހަނގުރާމަވެރިން

ގިނަ އަދަދެއްގެ ރޮކެޓުން އެމެރިކާ ސިފައިންނަށް ދިން މި ހަމަލާތަކަށްފަހު އެމެރިކާ ސިފައިން އެހަމަލާ ދިން ފަރާތަށް ރައްދު ދިނުމުން އެމެރިކާ ސިފައިންނާ ހަނގުރާމަވެރިންނާ ދެމެދު އެތަށް އިރެއްވަންދެން ޙަމަލާތައް ބަދަލުކޮށްފައިވާ ކަމަށް ސީރިއާގެ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ. ހަނގުރާމަވެރިން އެމެރިކާ ސިފައިންނަށް ޙަމަލާދިނީ ރޮކެޓުން ކަމަށާ ހަނގުރާމަވެރިންނަށް އެމެރިކާ ހަމަލާދިނީ ބޮޑުބަޑިން ކަމަށް އެމެރިކާގެ ތަރުޖަމާން ވިދާޅުވިއެވެ.

ސީރިއާގެ އިރުއުތުރުގައި ކުރުދީ ބާޣީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށް އެމެރިކާ ސިފައިން އަރައި އެތަނުގައި އަސްކަރީ މަރުކަޒުތައް ހަދާފައިވަނީ ސީރިއާ ދާޚިލީ ހަނގުރާމަ ފެށުނުތަނާ އެގައުމުގެ ސަރުކާރުގެ ހުއްދައަކާނުލައި ބައިނަލްއަގްވާމީ ގާނޫނާ މުޅިން ހިލާފަށެވެ. ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް އެމެރިކާ, ސީރިއާގެ އުތުރުގައި އަސްކަރީގޮތުން ފައި ހަރުކޮށްލާފައިވަނީ އައިއެސް ޖަމާއަތާ ހަނގުރާމަކުރުމުގެ ނަމުގައެވެ.

ނަމަވެސް އައިއެސްގެ ހަނގުރާމަވެރިންނާ ސީދާ ގޮތެއްގައި ކުރިމަތިލާން އެމެރިކާއަކަށް ނުކެރެއެވެ. އެމެރިކާ ސިފައިން އައިއެސްއާ ކުރިމަތިލުމަށް ބޭނުންކުރަނީ ސީރިއާގެ ކުރުދީން ބާޣީ ޖަމާއަތެއްކަމަށްވާ "ސީރިއަން ޑިމޮކްރެޓިކް ފޯސަސް" "އެސްޑީއެފް" ގެ ހަނގުރާމަވެރިންނެވެ.

އެސްޑީއެފްއަކީ ޓެރަރިސްޓް ޖަމާއަތަކަށްވެފައި އެޖަމާއަތަށް އެމެރިކާ ސިދާ ގޮތެއްގައި އެހީތެރިވާތީ ސީރިއާގެ އަވަށްޓެރި ތުރުކީން ވަނީ އެމެރިކާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށް އެތައް ފަހަރަކު ސިފަކޮށްފައެވެ. އެމެރިކާ ސިފައިން ސީރިއާގެ އުތުރުގައި ތިބެގެން އެހީތެރިވަމުންދަނީ ސީރިއާގެ ކުރުދީ ބާޣީންނަށާއި ސީރިއާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ބާޣީ އެހެން ޖަމާއަތްތަކަށެވެ.

މިދިޔަ އާދިއްތަ ދުވަހު އެމެރިކާ ވައިގެ މަގުން ހަމަލާދީފައިވަނީ އިރާގުގައި ހުންނަ އީރާނުގެ އަސްްކަރީ މަދަދު ލިބޭ ހަނގުރާމަވެރިންގެ ދެ މަރުކަޒަކަށާއި ސީރިއާގައި ހުންނަ އެފަދަ މަރުކަޒަކަށެވެ. މި ހަމަލާތަކަކީ އިރާގާއި ސީރިއާ ސަރުކާރުގެ ހުއްދައަކާ ނުލައި އެމެރިކާ ހިންގި ޣައިރުގާނޫނީ އަމަލެއްކަމަށްވާތީ އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ ވަނީ އެމެރިކާ އިން އިރާގުގެ ސިޔާދަތާއި މިނިވަންކަމަށް އިހްތިރާމް ނުކުރާކަމަށް ވިދާޅުވެ އެމެރިކާގެ މިއަމަލު ކުށްވެރި ކުރައްވާފައެވެ.

ސީރިއާ ސަރުކާރުންވެސްވަނީ އެމެރިކާ އެގައުމުގެ އިރުއުތުރުގެ ސަރަހައްދުތަކަށް ވަދެގެނެގެން އުޅެނީ ސީރިއާގެ ހުއްދައަކާ ނުލައި އަދި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާފައި ކަމަށްވާތީ އެމެރިކާގެ މިއަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އާދީއްތަ ދުވަހު އެމެރިކާ ސިފައިން އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ދެ މަރުކަޒަށާއި ސީރިއާގެ ހަނގުރާމަވެރި ޖަމާއަތެއްގެ މަރުކަޒަކަށް ހަމަލާތައް ދީފައިވަނީ އިރާގާއި ސީރިއާއިން އެމެރިކާ ސިފައިން ފައްސާލުމަށް އެޖަމާއަތްތަކުން ތަކުރާރުކޮށް ދެމުން ގެންދާ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންކަމަށް އެމެރިކާ ބުނެފައިވެއެވެ.

އެމެރިކާގެ ޙަމަލާތަކަށްފަހު އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބުނީ އެޖަމާއަތްތަކުގެ ބޭނުމަކީ އިރާގުން އެމެރިކާ ސިފައިން އެއްކޮށް ފައްސާލުން ކަމަށެވެ. އަދި އެމަގުސަދު ހާސިލް ވަންދެން އެމެރިކާ ސިފައިންނަށް ހަމަލާތައް ދިނުމުގައި ދެމިތިބޭނެކަމުގެ އިންޒާރު އެމެރިކާއަށް ދީފައި ވެއެވެ. އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް ހަމަލާ އަމާޒުވަނީ އެމެރިކާ އިރާގަށް ވަދެގެނެގެން އުޅޭތީ ކަމަށާއި އެމެރިކާ އަފްޣާނިސްތާނުން ފައްސާލި ގޮތަށް އިރާގުންވެސް ފައްސާލާނެ ކަމަށް ބުނެ އެޖަމާއަތްތަކުންވަނީ އެމެރިކާއަށް އިންޒާރު ދީފައެވެ.

އިރާގާއި އެތައް ހާސް މޭލު ދުރުމިނުގައި އޮތް އެމެރިކާއިން އިރާގުގައި އަސްކަރީގޮތުން ފައިހަރުކޮށްލައިގެން އުޅެނީ އެމެރިކާގެ އަމިއްލަ އިސްތިއުމާރީ ބޭނުމުގައި ކަމަށް އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ޖަމާއަތްތަކުން ބުނެއެވެ. މިޖަމާއަތްތަކަކީ އިރާގު ސިފައިންނާ ވެސް ގުޅިފައިވާ ޖަމާއަތްތަކެކެވެ.