ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ނިޔާވީ އުމުރުން 48 އަހަރުގެ ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މި ބަލިމީހާ ނިޔާވެފައި ވަނީ ރޭގެ 02:33 ހާއިރުއެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 210 ވަނަ މީހާއެވެ. އަދި ކޮވިޑްގައި ވޭތުވެދިޔަ ތިން ދުވަސްތެރޭގައި ނިޔާވި ފުރަތަމަ މީހާއެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވާ އަދި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހަކަށް އައިސް މަދުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޚާއްސަކޮށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ.

އެގޮތުން މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތިވެފައެއް ނުވެއެވެ. އަދި ފާއިތުވި ފަސް ދުވަހުވެސް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 50 އިން ދަށުގަ އެވެ.

މި މަސް ފެށުނުއިރު 208 މީހަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދިޔައެވެ. ނަމަވެސް އެ އަދަދުވެސް ބޮޑުތަނުން ދަށަށް ގޮސް، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 27 މީހުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާރު ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވަނީ އަތޮޅުތެރެއިންނެވެ.