ހުޅުޖަހައި ރޯކޮށްލި ތިނަދޫ އަތޮޅު ކައުންސިލް އިދާރާ އިން 17 މިލިއަނެއްހާ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

ގދ. އަތޮޅު ކައުންސިލް އިދާރާގެ ރައީސް މުހައްމަދު ނިޒާމް ވިދާޅުވީ ތަންތަނުގައި ރޯކޮށް ހެދީ ތިނަދޫގެ މަދު ބަޔަކު ނުކުމެ ކަމަށާއި އެ ހާދިސާގައި ހަމައެކަނި އެ އަތޮޅު ކައުންސިލް އިދާރާ އަށް ވެސް 17 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

އަދި އެންމެ ބޮޑު ގެއްލުމަކީ އަތޮޅު ކައުންސިލްގައި ރޯކޮށްލުމާ އެކު އެ އަތޮޅު ގިނަ ރައްޔިތުންގެ މުހިންމު ޒަމާންވީ ލިޔެކިއުންތަކެއް އަނދައިގެން ގޮސްފައިވާ ކަމަށް ނިޒާމް ވިދާޅުވި އެވެ. ކައުންސިލަރު ވިދާޅުވީ މަސައްކަތް ކުރުމަށް އިމާރާތެއް ލިބުނު ނަމަވެސް އަނދައިގެން ދިޔަ ލިޔެކިއުންތައް ހޯދަން ވަރަށް ބޮޑު ދައްޗަކަށް ވާނެ ކަމަށެވެ.
ނިޒާމް ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހު ނުކުމެ ތަންތަނުގައި ހުޅުޖަހައި ހެދި އިރު، އެ ތަންތަން އަނދައިގެން ދާތަން ބަލަން ގިނަ ރައްޔިތުން ތިބެން ޖެހުނީ އެ ދުވަހުގެ ހާލަތު ހުރި ގޮތުން ކަމަށެވެ.

"އެކަމާ އިދިކޮޅު އެތައް ރައްޔިތުންނެއް އެ ދުވަހު ތިބި. އެކަމަކު ދުވަހުގެ ހާލަތު ހުރި ގޮތުން އެއްވެސް ރައްޔިތަކަށް އެކަން ކޮންޓްރޯލް ކުރާކަށް ނުކުންނާކަށް ނުކެރުނު. އެވަގުތު ކުށްވެރިން ނުކުމެ ތިބީ ފުލުހުންގެ އާލާތްތައް ހިފައިގެން،" ކައުންސިލްގެ ރައީސް ނިޒާމް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ ތިނަދޫ ފަހަތަށް ޖައްސާލުމުގެ އެއްވެސް ވިސްނުމެއް އަތޮޅު ކައުންސިލްގެ ނެތް ކަމަށާއި ތިނަދޫ ރައްޔިތުން ބޭނުންވާ ފަދަ ވެއްޓެއް އަވަސް މުސްތަގުބަލެއްގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ.

އަދި ހޯމް މިނިސްޓްރީން ވެސް އެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ނިޒާމް ވިދާޅުވި އެވެ.
ނިޒާމް ވިދާޅުވީ އަތޮޅު ކައުންސިލްގެ މަސައްކަތް މިވަގުތަށް އޮތީ ހުއްޓިފައި ކަމަށާއި އަދި މުވައްޒަފުން މިވަގުތު ތިބޭނީ ގޭގައި ކަމަށެވެ.

"އަޅުގަނޑުމެން މުވައްޒަފުންނަށް މިވަގުތު ގޭގައި ތިބެން އަންގާފައި ވަނީ. އެކަމަކު ވަރަށް އަވަހަށް ކޮންމެވެސް ތަނެއްގައި މޭޒެއް ބަހައްޓައިގެން އަތޮޅު ކައުންސިލްގެ މަސައްކަތް ފަށާނަން. އައިޑީކާޑު ހެއްދުމާއި ލޯނުގެ ކަންތަކާ ލައިސަންސް ހެއްދުމުގެ ކަންތައް މިވަގުތައް މިއޮތީ ހުއްޓިފައި،" ނިޒާމް ވިދާޅުވި އެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކޯޓުގެ އިތުރުން އަތޮޅު ކައުންސިލްގައި ވަނީ ހުޅުޖަހާފަ އެވެ.