29 Jun 2021, 00:02
ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކާ"ގެ ތިންވަނަ ޕްރޮގްރާމް ޖުލައި ފަސްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އާސްކް ސްޕީކާގެ ތިންވަނަ ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އެރޭ 9:00ގައި ވާޗުއަލްކޮށެވެ. އަދި ޕްރޮގްރާމް ކުރިއަށްދާއިރު ކްލަބް ހައުސް މެދުވެރިކޮށް ލައިވްކޮށް ސުވާލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.
ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާ ވަސީލަތްތަކުން ވަގުތުން ދައްކާ އެ ޕްރޮގްރާމުގައި ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކި މީޑިއަމްތަކުން ސުވާލު ފޮނުވޭނެ ކަމަށާއި، އެގޮތުން ވީޑިއޯއެއްގެ ޒަރިއްޔާއިންވެސް ނުވަތަ ޓެކްސް މެސެޖުގެ ޒަރިއްޔާއިންވެސް ފޮނުވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. ސުވާލު ފޮނުވަންޖެހޭނީ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަނުގެ ހޮޓެލައިން 7234566 އަށެވެ.
ފޯނު މެދުވެރިކޮށް ޕްރޮގްރާމުގައި ލައިވްކޮށް މަޖިލީހުގެ ރައީސާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން އެ މީހެއްގެ ނަމާއި ސުވާލު، ޖުލައި ފަސްވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން މަޖިލީހުގެ މީޑިއާ ސެކްޝަނުގެ ހޮޓްލައިނަށް ފޮނުވަންވާނެ އެވެ.
ކްލަބް ހައުސް މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތެއްގެ ނަމާއި ކްލަބް ހައުސް އެކައުންޓުގެ ނަން މަޖިލީހުގެ މީޑިއާ ސެކްޝަނުގެ ހޮޓްލައިނަށް ފޮނުވަންވާނެ އެވެ.
ފޯނާއި ޓެކްސްޓް މެސެޖާއި ވީޑިއޯގެ އިތުުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ޕޯސްޓު ކުރާނީ AskSpeaker# ހޭޝްޓެގް ޖަހާފަ އެވެ.
"އާސްކް ސްޕީކާ" ޕްރޮގްރާމަކީ އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމެވެ.
މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް އޮތީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ގައެވެ. އަދި ދެވަނަ ޕްރޮގްރާމު އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތްވަނަ ދުވަހު ގައެވެ.