28 Jun 2021, 22:24
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމަށްވާ ހައިޑްރޯކުލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.
ރާއްޖެއިން މިކަން ހާސިލުކުރީ، މިކަން ކުރަން ކަނޑައަޅާފައިވާ މުއްދަތަށްވުރެ 10 އަހަރު ކުރިންނެވެ.
އެޗްސީއެފްސީ ގޭސް ރާއްޖެއިން ނައްތާލުމުގެ ގޮތުން ފޭސް-އައުޓް މެނޭޖްމަންޓް ޕްލޭން (އެޗްޕީއެމްޕީ)ގެ ނަމުގައި 2010ގައި ވަނީ މަޝްރޫއެއް ފަށާފަ އެވެ. އެއީ މަލްޓިލެޓަރަލް ފަންޑް (އެމްއެލްއެފް)ގެ ހިލޭ އެހީ މެދުވެރިކޮށެވެ.
އެ މަޝްރޫއު ފެށީ 2010 ވަނަ އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް ރާއްޖެއަށް އެތެކުރި ނަމަވެސް، 2020 ވަނަ އަހަރު ރާއްޖެއިން ވަނީ އެޗްސީއެފްސީ ގޭސް އެއްކޮށް ފޭސް އައުޓް ކޮށްފަ އެވެ. އެއާއެކު ޕްރޮޓޮކޯލްއިން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ 10 އަހަރު ކުރިން އެޗްސީއެފްސީ ފޭސްއައުޓްކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޗްސީއެފްސީ ފޭސްއައުޓް ކުރި ގައުމަށް ރާއްޖެ ވަނީ ވެފަ އެވެ.
އެ މަޝްރޫއު ރަސްމީކޮށް ނިންމާލުމަށްޓަކައި އެ މަސައްކަތުގައި މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރުންނާއި ރާއްޖެއިން މަސައްކަތްކުރި ހުރިހާ އޮފީސްތަކާއި ވުޒާރާތަކުގެ އިސްބޭފުޅުން ބައިވެރިކޮށްގެން މިއަދު އޮންލައިންކޮށް ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.
"އަ ކޫލް މޫވް: މޯލްޑިވްސް ކުއިޓްސް އެޗްސީއެފްސީ"ގެ ނަމުގައި ބޭއްވި އެ ރަސްމިއްޔާތުގައި ސަރުކާރު އެކި މިނިސްޓަރުން ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވާފައިވެ އެވެ.
އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ އެޗްއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން އެބަހުރި ކަމަށާއި އޯޒޯން އެކްޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ބަދަލުތައް ގެނެވުމުން އެ ޕްލޭން ތަންފީޒުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޓެކްނޮލޮޖީގެ ގޮތުންނާއި މާލީ ގޮތުން ލިބެންޖެހޭ އެހީތެރިކަން ލިބިއްޖެނަމަ، އަމާޒަކީ 2030ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ރީޖަނަލް ބަނދަރުތައް ހިމެނޭ ގޮތުގެ މަތިން ރަސްމީ ބަނދަރުތަކުގައި އެޗްސީއެފްސީ މާއްދާތައް ބަލައި ފާސްކުރެވޭނެ ނިޒާމުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެގޮތުން މުދާ ޗެކްކޮށް، ދޫކުރުމުގައި އެޗްސީއެފްސީގެ ބާވަތްތައް ލޭބަލް ކުރެވިފައި ހުންނަ ގޮތާއި އޮޅުވާލުންތައް ދެނެގަނެވޭނެ ގޮތް އަދި ޓެސްޓް ކުރެވޭނެ ގޮތްތައް ކަސްޓަމްސްގެ ސަރަހައްދުތަކުގައި ގާއިމުކޮށް ބޭނުންކުރަމުންދާ ކަމަށް ވިދާޅުވި އެވެ.