28 Jun 2021, 21:46
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާ 6720 ފްލެޓުގެ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީއިން ހުޅުވާލައިފި އެވެ.
އެޗްޑީސީއިން ބުނީ ޑްރާފްޓް އެއްބަސްވުމާ ގުޅޭގޮތުން ހިޔާލެއް ހުށަހަޅަން ބޭނުންވާނަމަ، މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ކުރިން އެ ފުރުސަތު ފްލެޓު ލިބުނު ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
ހިޔާލު ފޮނުވާނީ އީމެއިލް މެދުވެރިކޮށް،[email protected]އަށެވެ.
އެޗްޑީސީއިން މި މަހުގެ 20 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނީ، ހިޔާ މަޝްރޫއުއަކީ ނިސްބަތުން ބޮޑު މަޝްރޫއަކަށް ވުމާއެކު ފްލެޓު ލިބުނު ފަރާތްތަކަށް ވަކިވަކިން އެއްބަސްވުން ފޮނުވުމަކީ އުނދަގޫކަމެއް ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ފެންނާނެ ގޮތަށް އެޗްޑީސީގެ ވެބްސައިޓުގައި އެއްބަސްވުމުގެ ޑްރާފްޓު ވަނީ ޝާއިއުކޮށްފަ އެވެ.
އެހެން ނަމަވެސް ޑްރާފްޓް އެއްބަސްވުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެއްވެސް ބަދަލެއް ގެނެސްފިނަމަ އެކަން އިއުލާނުކުރުމަށްފަހު އެޗްޑީސީގެ ވެބްސައިޓުގައި އަލުން އެ ޑްރާފްޓް ޝާއިއުކުރާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.