28 Jun 2021, 20:23
ސަރުކާރުން ހުރިހާ ހަރަދު ހަމަޖައްސައިދޭ ގޮތަށް 18 ސްކޮލާޝިޕެއްގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން އިއުލާނުކުރި ސްކޮލަޝިޕްގެ ފުރުސަތުތަކުގައި ހިމެނެނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީއިން 11 ފުރުސަތާއި ބެޗްލާސް އޮފް އޮކިއުކޭޝަނަލް ތެރަޕީއިން ހަތް ފުރުސަތެކެވެ.
މި ކޯސްތަކުގެ ޝަރުތަކަކީ؛
ޖީސީއީ އޯލެވެލް/ އައިޖީސީއެސްސީ/ އެސްއެސްސީ އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭ ގޮތަށް ފަސް މާއްދާއިން "ސީ"އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުން.
- ޖީސީއީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ މި ތިން މާއްދާއިން "ޑީ"އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުން ނުވަތަ ޖީސީއީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭ ގޮތަށް ދެ މާއްދާއިން "ސީ"އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުް ކޮށްފައިވުން.
- ނަންބަރު އެކެއްގައި ބުނާ ފަސް މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލް ކޮށްފައިވުން.
މި ސްކޮލާޝިޕްގެ ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، އެސްޓަބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސްފީ އަދި އިންޝުއަރެންސް ހިމެނޭ ގޮތަށް ހުރިހާ ހަރަދެއް ހަމަޖައްސާނީ، ތެރަޕިއުޓިކް ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން މިކަމަށް ހާއްސަ ކޮށްފައިވާ ސްކީމުގެ ދަށުންނެވެ.
ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކުރިއަށްދާނީ އިންޑިއާގެ ބެންގަލޫރްގައި ހުންނަ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގަ އެވެ. އަދި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކުރިއަށްދާނީ އިންޑިޔާގެ މަނިޕާލްގައި ހުންނަ މަނިޕާލް އެކަޑެމީ އޮފް ހަޔާ އެޑިޔުކޭޝަންގަ އެވެ.
މި ދެ ކޯހަށްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަކި އަދަދުތަކަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މިއަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 1:30 އަށެވެ. އަދި ކޯހަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ކޯހާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.