15 Feb 2012, 22:23
ސްރީލަންކާ އާއި ރާއްޖެ އަށް އެކްރިޑިޓްކޮށްފައިވާ ޔޫރަޕިއަން ޔޫނިއަން ]އީޔޫ[ގެ އެމްބެސެޑަރުން ހިމެނޭ ވަފުދެއް މާލެވަޑައިގެން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ( އެޗްއާރުސީއެމް)ގެ ރައީސާއި މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެޗްއާރުސީއެމްގެ މެމްބަރުންނާ މިއަދު ބައްދަލުކުރެއްވި އެޗްއާރުސީއެމްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އީޔޫ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރެންޑް ސަވެޖް އާއި އިނގިރޭޗސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ރޮބީ ބްލޮޗާއި އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ފެބްރިޖިއާ ޕިއޯ އަޕިއާ އާއި ނެދަލޭންޑްސްގެ ސަފީރު ލޮއިސް ޕިއެޓް ހިމެނިވަޑައިގަންނަވާ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.
އެޗްއާރުސީއެމް އިން ބުނީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރީ ރާއްޖޭގެ މިހާރު ހާލަތާ ބެހޭ ގޮތުން ކަމަށެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ފަހުން ރާއްޖޭގައި ގިނަ ހަމަނުޖެހުންތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން އެމްޑީޕީން މިމަހުގެ އަށް ވަނަ ދުވަހު ކުރި މުޒާހަރާއެއް ރޫޅާލުމުގައި ސަލާމަތީ ބާރުތަކުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެމްޑީޕީގެ ގިނަ ބަޔަކަށް އަނިޔާ ވިއެވެ. އަދި އޭގެ ފަހުން އެމްޑީޕީން ކުރި މުޒާހަރާތަކުގައި ދައުލަތުގެ ބައެއް އިމާރާތްތައް އަންދާލާފައިވެ އެވެ.