ޖެނީވާ (މޭ 27): ކޮވިޑް-19 ގެ އިންޑިއަން ވޭރިއަންޓް (ޑެލްޓާ ވޭރިއަންޓް) އަކީ ބިރުވެރި ވޭރިއަންޓެއްކަމަށާއި ވެކްސިން ޖެހި މީހުންނަށްވެސް އެވޭރިއަންޓް ވަރަށް ފަސޭހައިންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގެބްރެޔެސުސް ވިދާޅުވީ ޑެލްޓާ ވޭރިއަންޓް އަންނަނީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ކަމަށާ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައެވެ. އެންމެ ބޮޑަށް ކަންބޮޑުވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ޖެހި މީހުންނަށްވެސް އެވޭރިއަންޓް ވަރަށް ފަސޭހައިންޖެހޭތީ ކަމަށް ގެބްރެޔެސުސް ވިދާޅުވި އެވެ.

ޑެލްޓާ ވޭރިއަންޓް ދުނިޔޭގެ 85 ގައުމަކުން މިހާރު ފެނިފައިވާއިރު ވެކްސިންގެ ކަވަރޭޖް އެންމެ ބޮޑު އެއްގައުމު ކަމަށްވާ އިސްރާއީލުގައިވެސް އެ ވޭރިއަންޓް ފެތުރޭތީ އެގައުމުވަނީ ކަންބޮޑުވެފަ އެވެ. އިސްރާއީލުގެ ޔަހޫދީ އާބާދީއަކީ މުސްކުޅި އާބާދީއަކަށް ވެފައި ޔަހޫދީ އާބާދީގެ ނެޗުރަލް ގްރޯތު ރޭޓްވަނީ ސުމަކަށްވުރެ ދަށުގައެވެ. ޔަހޫދީންގެ އާބާދީ މުސްކުޅިވެ ނެޗުރަލް މޯޓަލިޓީ ރޭޓްވެސް މަތިކަމުން ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އިސްރާއީލުގެ ޔަހޫދީ އާބާދީއަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު އިސްރާއީލުން އިހްސާސް ކުރެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އުޅޭ ޔަހޫދީންގެ މުޅި އާބާދީ ގާތްގަނޑަކަށް 14 މިލިއަނުގައި އުޅޭއިރު ދުނިޔޭގެ ކަންކޮޅުތަކުން އިސްރާއީލަށް (ފަލަސްތީނުގެ ބިމަށް) ހިޖްރަކޮށްގެން އިސްރާއީލުގައި ދިރިއުޅޭ ޔަހޫދީ އާބާދީގެ އަދަދަކީ ގާތްގަނޑަކަށް ހަ މިލިއަނެވެ. ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާތީ އޮސްޓްރޭލިޔާގެ އެންމެ ބޮޑު ސިޓީކަމަށްވާ ސިޑްނީއާއި ބަންގްލަދޭޝްގެ ހުރިހާ ސަރަހައްދުތަކެއްގައި ވަނީ ދެ ހަފްތާގެ ފުރަބަންދެއް އިއުލާންކޮށްފައެވެ.

އޮސްޓްރޭލިޔާގައި ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާތީ ނިއުޒީލޭންޑް ވަނީ، ހަރުކަށި ކަރަންޓީނެއްގެ ތެރެއިން ނޫނީ އޮސްޓްރޭލިޔާ މީހުން ނިއުޒީލޭންޑަށް ވަނުން މަނާކޮށްފައެވެ. އިންޑޮނީޝިޔާއަށް ބަލާއިރު އެގައުމުގައިވެސް ޑެލްޓާ ވޭރިއަންޓްދަނީ ބާރަށް ފެތުރެމުންނެވެ. މިއާއެކު ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އެވައިރަސް އާ ކުރިމަތިލުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުން ދާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ރަޝިޔާ، ދެކުނު އެފްރިކާ އަދި ލެޓިން އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައިވެސްވަނީ ޑެލްޓާ ވޭރިއަންޓް ވަރަށް ބާރަށް ފެތުރެން ފަށާފައެވެ. ރަޝިޔާގެ ސެންޓް ޕީޓަސްބާގްގައި ވަނީ ޑޭލްޓާ ވޭރިއަންޓް ފެތުރެން ފެށުމާއެކު ރެކޯޑް އަދަދަކަށް މީހުން މަރުވަން ފަށާފައެވެ.

ކޮވިޑް-19 ގެ އާދައިގެ ވައްތަރު ޖެހުމުން އާންމު ގޮތެއްގައި މަރުވަނީ އެބަލި ޖެހޭމީހުންގެ ތެރެއިން ފަސް އިންސައްތަ މީހުންނެވެ. ނަމަވެސް ޑޭލްޓާ ވޭރިއަންޓް ޖެހޭމީހުންގެ ތެރެއިން 20 އިންސައްތަ މީހުން އެވްރެޖްކޮށް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑެލްޓާ ވޭރިއަންޓް އާދަޔާ ޚިލާފަށް ނުރައްކާ އެއްޗަކަށް ވެފައިވަނީ އެ ވައިރަސް ފެތުރޭލެއް އަވަސްވުމާއި ފުއްޕާމޭގެ ސެލްތަކުގައި އެވައިރަސް ހިފާމިންވަރު ވަރުގަދަވުމާއި ނިއުމޯނިއާއަށް ބަދަލުވާލެއް އަވަސްވުމާއި ވެކްސިންގެ ސަބަބުން ހަށިގަނޑަށް ލިބިދޭ ދިފާއީ ނިޒާމަށް އެވައިރަސް އިޖާބަދޭ މިންވަރު ކުޑަވެ ހަށިގަނޑުގައި އަޅާވޭން ގަދަވެ މަރާދިމާއަށް ދާދިޔުން އަވަސްވާތީއެވެ.

އިންޑިއަން ވޭރިއަނޓް ޖެހުނު ނަމަވެސް ވެކްސިންގެ ދެޑޯޒު ޖަހާފައިވާ މީހުންނަށް އެ ވައިރަސްއިން ލިބޭ ވޭންތައް ވެކްސިން ނުޖަހާ މީހުންނާ އަޅާބަލާއިރު ކުޑަކަމަށް ވެއެވެ. އަދި ދެޑޯޒު ޖަހާފައިވާ މީހުން އެ ވައިރަސްގައި މަރުވާ ނިސްބަތްވެސް މަދުކަމަށް ރިޕޯޓްތައް ބުނެއެވެ.