ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރި ޑރ. ހުސައިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރައީސް ސޯލިހު ކެބިނެޓަށް ގެންނެވި ބަދަލާއެކު މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާގެ މަގާމަށް ޑރ. ހުސައިން އަައްޔަންކުރައްވައި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވީ އެ މަހުގެ 18 ވަނަ ދުވަހު އެވެ.

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ހޯދުމަށް މިއަދު މަޖިލީހުން ނެގި ވޯޓުން ރުހުން ލިބިފައިވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިއަދު މަޖިލީހަށް ހާޒިރުވީ 57 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 55 މެންބަރުންވެސް ޑރ. ހުސައިނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދީފައި ވާއިރު، ފާސްވުމަށް ބޭނުންވާ އަދަދަކީ 28 ވޯޓެވެ.

އެހެންކަމުން ޑރ. ހުސައިނަށް މަޖިލީހުގެ ރުހުން ވަނީ ލިބިފަ އެވެ.

ޑރ. ހުސައިން ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރެއްވީ އޭނާ ކުރިން ހުންނެވި އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމަށް އައިމިނަތު ޝައުނާ އައްޔަންކުރުމާ ގުޅިގެންނެވެ.

އެގޮތުން މި ސަރުކާރުގައި އަލަށް އުފެއްދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މެންޑޭޓް ހަވާލުކުރީ މިނިސްޓަރު ޝައުނާ އަށެވެ. އެއާ އެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ނަން، "މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"އަށް ވަނީ ބަދަލުކޮށްފަ އެވެ.