ވޮޝިންގޓަން (ފެބްރުއަރީ 15) : އެމެރިކާގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރުގައި މަރުވެފައިވާ1.8މިލިއަން މީހުންގެ ނަން ހިމެނިފައިވާކަން ހާމަވެއްޖެވެ.

މިކަން ހާމަވެފައި ވަނީ އެމެރިކާގެ "ދަ ޕިއު ސެންޓަރ އޮން ދަ ސްޓޭޓްސް" އިން ކުރި ދިރާސާއަކުންނެވެ. މިދިރާސާ ބުނާ ގޮތުން އެމެރިކާގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރުގައި މަރުވެފައިވާ 1.8 މިލިޔަންމީހުންގެ ނަން ކަނޑާނުލާ އެބައޮތެވެ. އަދި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 51 މިލިއަން މީހުން ވޯޓަރުންގެ ދަފްތަރުގައި ހިމަނާފައި ނުވާކަން ވެސް މިދިރާސާ އިން ހާމަވެފައިވެ އެވެ.

މިދިރާސާ ބުނާ ގޮތުން އެމެރިކާގެ ރައްޔިތުންގެ ތެރެއިން ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުން ރަޖިސްޓްރީ ކުރުމުގެ ނިޒާމްވަނީ ވަރަށް ބޮޑަށް ދޯދިޔާވެ އޮޅުންބޮޅުން ވެފަ އެވެ. އަދި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ކަމަށް ރަޖިސްޓްރީކޮށްފައިވާ ކޮންމެ އަށް މީހެއްގެ ތެރެއިން އެކެއްގެ މައުލޫމާތު ފުރިހަމަ ނޫންކަމާއި އެ މަޢްލޫމާތުގައި ބޮޑެތި ކުށްތަކެއް ހުރިކަން ވެސް މިދިރާސާ އިން ހާމަވެފައިވެ އެވެ.

އެމެރިކާގެ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާކަމަށްއިންތިޚާބާ ބެހޭ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން 24 މިލިއަން މީހުންގެ ރެޖިސްޓްރީ ސައްޙަ ނޫންކަން މިދިރާސާ ހާމަވެފައިވެ އެވެ. އަދި ވޯޓަރުންގެ ދަފްތަރުގައި މަރުވެފައިވާ 1.8މިލިއަން މީހުން ހިމެނޭއިރު2.8 މިލިއަން މީހުންނަކީ އެއްސްޓޭޓަށް ވުރެ ގިނަ ސްޓޭޓްތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. މީގެއިތުރުން ވޯޓަރުންގެ 13 ޕަސެންޓް މީހުންގެ އެޑްރެސް ވަނީ ނުބައިކޮށް ކަމަށާއި ރަޖިސްޓްރީކުރި އިރު ހުރި އެޑްރެސް ބަދަލުވުމުން އެބަދަލު ދަފްތަރުގައި އަޕްޑޭޓްކޮށްފައިނުވާކަން ވެސް މިދިރާސާ އިން ހާމަވެފައިވެ އެވެ.

އެމެރިކާއަކީ އިންތިޚާބުތަކުގެ އިންތިޒާމް ވަރަށް ފުރިހަމައަށް ކުރެވިފައިވާ އަދި ވޯޓަރުންގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ ނިޒާމް ވެސް އެންމެ ރަނގަނޅު ޤައުމުގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭޤައުމަކަށްވާ އިރު ތިން ވަނަ ދުނިޔޭގެ ޤައުމުތަކުގެ ފެންވަރުގައި އެމެރިކާގެ ވޯޓަރުންގެ ރަޖިސްޓްރީ އޮތުމަކީ އެމެރިކާ ލަދުވެތިވާން ޖެހޭ ވަރުގެ މައްސަލައެއް ކަމަށް މިދިރާސާ ކުރުމުގައި ޙަރަކާތްތެރިވި ޕިއު ސެންޓަރުގެ މަސްއޫލުވެރިން ވިދާޅުވި އެވެ.
މިއީ އެމެރިކާގެ އިންތިޚާބުތަކުގެ ނަތީޖާގެ ސައްޙަ ކަމާ މެދު ޝައްކު ކުރުމުގެ ޖާގަ ލިބިގެންދާނެ ކަމެއްގެ އިތުރުން މިކަމުގެ ސަބަބުން އެމެރިކާގެ ޓެކްސްގެ ފައިސާއަށްވެސް މައްސަލަތައް ކުރިމަތިވެގެންދާނެ ކަމަށް ޕިއު ސެންޓަރުގެމަސްއޫލުވެރިން ހާމަކުރެއްވި އެވެ. (ނޫސްއެޖެންސީތައް)