ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވީ އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް އާދަމްގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާއިން ރައީސް ނަޝީދު ސަލާމަތްކުރި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް ސާރ ގެ ކަނދުރާގެ ޑިސްކު ހަލާކުވެފައިވާ ކަމަށެވެ.

އެހެންކަމުން ކަނދުރާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މާދަމާ އައިޖީއެމްއެޗްގައި އިލްހާމްގެ އޮޕަރޭޝަނެއް ކުރަން ނިންމާފައިވާކަން ފާހަގަކުރައްވައި ނާޒިމް ވަނީ އަވަސް ޝިފާއަކަށް އެދިލައްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނަށްވެސް ވަނީ ގިނަ އަނިޔާތަކެއް ލިބިފައެވެ. އޭގެ ސަބަބުން ގިނަ އޮޕަރޭޝަންތަކެއްވެސް ކުރަން ޖެހުނު އިރު، އެމަނިކުފާނު އަދިވެސް ހުންނެވީ ފަރުވާއަށް ވަޑައިގެން ޖަރުމަނު ވިލާތުގައެވެ.

އެ ހަމަލާގައި ނަޝީދުގެ އިތުރުން ބޮޑީގާޑުންނާއި، ބިދޭސީއެއް ހިމެނޭހެން އާންމުންގެ ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.