28 Jun 2021, 11:05
ބަސް ބުނަން ކެރުމާއި އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅުމަކީ ސިޔާސީ ގޮތުން ދޮން މަންމަ ކިޔަންޖެހޭ ސަބަބަކަށް ވަންޏާ އެކަން ދެކޭނީ ފަޚްރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ދޮންމަންމައަކަށް، ރޮޒެއިނާ ވަރަަށް ކަމުދާނެކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެންބަރުންނާއި ލީޑާޝިޕްގައި ތިއްބަވާ ބޭފުޅުން ބުލީ ކުރަން އުޅުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށާއި، ހާއްސަކޮށް ސިޔާސީ ދާއިރާގަ އުޅޭ މަދު އަންހެނުންނަށް ފޯކަސްކޮށްގެން ބުލީ ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
ސިޔާސީ ދާއިރާއަށް ނުކުތީ މީހަކު ކިޔާހާ އެއްޗަކަށް އެއްބަސްވުމަށް ނޫންކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ ބުލީ ކުރާ މީހުންދެކެ ބިރުން ވަކި ކަމަކަށް ތާއީދުވެސް ނުކުރައްވާނެ ކަަމަށެވެ.
"އަޅުގަނޑު ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން. އަދި ބުލީ ކުރާ މީހުންދެކެ ބިރުން އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ކަމެއް އެންޑޯޒްކޮށްފަ ވާހަކަ ދައްކާކަށްވެސް އެއްބަސްވެވޭނީ ގަބޫލު ކުރެވުނީމަ. އޭރުން އެކަމާއިގެން އުޅޭނަން،" ރޮޒައިނާ ވިދާޅުވި އެވެ.
ބަސް ބުނަން ކެރުމަކީ އަދި ބުނަންޖެހޭ ހާލަތުގައި ބަސް ބުނެ، އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅުމަކީ އެއީ ސިޔާސީ ގޮތުން ދޮން މަންމަ އަކަށް ވާންޖެހޭ ސަބަބެއް ކަމުގައި ވާނަމަ، އެކަން ދެކެނީ ފަޚްރެއްގެ ގޮތުގައި ކަަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ބަސް ބުނަން ކެރޭތީ އަދި ބުނަންޖެހޭ ތާކު ބުނާތީ، އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅޭތީ، އެއީ ސިޔާސީ ގޮތުން އަޅުގަނޑަށް ދޮން މަންމަ ކިޔަންޖެހޭ ކަަމެއް ކަމަށް ވަންޏާ ތިކަންވެސް އަޅުގަނޑު ނަގާނީ ކޮމްޕްލިމެންޓެއް ގޮތުގައި،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ބުލީ ކުރުމަކީ ސުކޫލުތަކުގަ އެކަނި ހިނގާ ކަމެއް ނޫން ކަމަށާއި އޭނައަށް ސުކޫލުގައި ބުލީނުކުރާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޭތެރެއިން އިދިކޮޅުގެ މެންބަރުންނާއި އެއްކޮޅުގެ މެންބަރުންގެ ފަރާތުންވެސް ބުލީކުރުމާއި، މޫނަށް ކުޅުޖެހުން ފަދަ ގިނަ ކަންތައްތައް ކުރިމަތިވެފައިވާކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ދޮންމަންމައަކަށް ރޮޒެއިނާ ވަރަަށް ކަމުދާނެކަމަށް އަންވަރު ވިދާޅުވެފައިވަނީ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގައި ދެކެވުނު ހޫނު ވާހަކަތަކެއްގެ ތެރެއިންނެވެ.
އަންވަރު މިފަދައިން ވިދާޅުވެފައި މިވަނީ، އެމްޑީޕީ ދެބައިވެއްޖެ ކަމަށް ދެކެވުނު ވާހަކަތަކުގެ ތެެރެއިން ރޮޒައިނާ ވަރަށް ބޮޑަށް ރައީސް ސޯލިހަށް ތާއިދު ކުރައްވައި، ރައީސް ނަޝީދާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ.